ޔަމަންގެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމުން ހާލު ދެރަވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން މިރޭ ފަށައިފި އެވެ.


މިއީ ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި ދެވަނަ ފަހަރެވެ. އައިޖީއެމްއެޗުން ބުނީ އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެމްސީއެސްގެ ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއް

ކޮމިޝަނަރު އޮފް ޕްރިޒްންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޔާސިރު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ހާލު ދެރަވެގެން ކަމަށެވެ. އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައި ވާތީ، ފުރުވައިލެވެން ދެން ޔާސިރު ބަހައްޓާފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.

ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކެއްގައި އެހެން ގައުމުތަކުން ވެސް ޔާސިރު ކުރިން ބަންދުކޮށްފައި ވެ އެވެ.

ރާއްޖޭގައި ކައިވެންޏެއް ކޮށްގެން އުޅެމުން އަންނަނިކޮށް، އޭނާގެ ހަގީގަތް އިނގުމުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗް، 3، 2017 ގަ އެވެ. އޭގެ ފަހުން އެއްވެސް ދައުވާއެއް ނުކޮށް ޔާސިރު ބަންދުކޮށްފައި ބެހެއްޓުމުން، އެކަމާ އިންކާރުކޮށް އޭނާ ވަނީ މިދިޔަ އަހަރު ވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފަ އެވެ.

އެ ހަޅުތާލާ ގުޅިގެން އެ ފަހަރު ވެސް އޭނާގެ ހާލު ވަރަށް ދެރަވެ، އައިޖީއެމްއެޗުގައި އައިވީ ގުޅައިގެން ފަރުވާ ދިނެވެ. ޔާސިރު އޭރު އަލުން ކާން ފެށީ ވަރަށް ގިނަ ދުވަހު ހަޅުތާލު ކުރުމަށް ފަހު އެވެ.

ޔާސިރު ހައްޔަރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

ދިވެއްސަކާ އިނދެ ދަރިއަކު ވެސް ހުންނަ ޔާސިރުގެ ހަގީގަތް އެނގުނު ހިސާބުން ވިސާ ކެންސަލްކޮށް، ރާއްޖެ އިން ފުރައިގެންދާން އެއް މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ. އެކަމަކު ޔާސިރު ފުރަން އިންކާރުކުރީ އެވެ. އޭނާ ފުރަން އެއްބަސްވިހާ އަވަހަކަށް އެކަން ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ.