ހައިހޫނުކަމުގެ ހަޅުތާލުކުރުމުން ހާލު ބޮޑުވި ޔަމަންގެ ޔާސިރު މަރުވެއްޖެ

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނު މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ މިއަދު މަރުވެއްޖެ އެވެ.


ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އޭނާއަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ވެސް ފަރުވާ ދިނެވެ. ނަމަވެސް ފަހުން ކަރެކްޝަންސް އިން ބުނީ ޔާސިރު ހާލު ކުޑަކޮށް ރަނގަޅުވަމުން އަންނަކަމަށެވެ. އިތުރު މައުލޫމާތެއް އޭރު ނުދެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އިން ވަނީ ޔާސިރު މަރުވިކަން ޔަގީންކޮށްދީފަ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އިރުކޮޅެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް ބުންޏެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ހަވީރު 4:00 ގެ ފަހުންނެވެ.

ރާއްޖޭގައި ކައިވެންޏެއް ކޮށްގެން އުޅެމުން އަންނަނިކޮށް އޭނާގެ ހަގީގަތް އެނގުމުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗު 3، 2017 ގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެ އެވެ.

ދޫކޮށްލާފައި ހުރެއްޖެނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ހައްޔަރުކޮށްފައި ހުރި ޔާސިރު ދިވެއްސަކާ އިނދެ ދަރިއަކު ވެސް ހުރެ އެވެ. އޭނާގެ ހަގީގަތް އެނގުނު ހިސާބުން ވިސާ ކެންސަލްކޮށް ރާއްޖެ އިން ފުރައިގެންދާން އެއް މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ. އެކަމަކު އޭނާ ފުރަން އިންކާރުކުރީ އެވެ. ފުރަން އެއްބަސްވިހާ އަވަހަކަށް އެކަން ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. އެހެންވެ ފުރުވައިލެވެން ދެން ޔާސިރު ބަހައްޓާފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.