މަރުވިތާ ތިން ދުވަސް ފަހުން ޔާސިރު މިއަދު ވަޅުލަނީ

ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވޭ އަދި ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާ 45، ތިން ދުވަސް ފަހުން މިއަދު ވަޅުލާން ނިންމައިފި އެވެ.


ބަނޑުހައިހޫނު ކަމުގެ ހަޅުތާލަށް ފަހު، ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވަމުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް، ޔާސިރު މަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން މިއަދު މެންދުރު 1:00 ގައި އާސަހަރާ މިސްކިތުގައި އޭނާގެ ކަށުނަމާދު ބާއްވައި ވަޅުލުމަށް ވަނީ ނިންމައިފަ އެވެ.

ކަށުކަމާކެމީގެ ކަންކަމުގައި އުޅޭ މީހަކު "މިހާރު" އަށް މިއަދު ބުނީ، ޔާސިރު ވަޅުލުމުގެ ކަންކަން ލަސްވީ އެއީ ބިދޭސީއަކަށް ވުމުން ވަޅުލުމަށް، އެ ގައުމަކުން ހޯދަން ޖެހޭ ހުއްދަތައް ލިބުން ލަސްވެގެންނެވެ. ޔާސިރު ނިސްބަތްވާ ޔަމަނަކީ ބޮޑު ހަނގުރާއެއް ކުރާ ގައުމަކަށް ވާއިރު، އެ ގައުމުގެ ސަރުކާރުން ހުއްދަތައް ހޯދަން ދަތިވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގައި ކަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ބިދޭސީއެއް ވަރަށް މަދު ފަހަރެއްގައި އެ ދުވަހުން ދުވަހަށް ވަޅުލެވޭނީ. ވާ ގޮތަކީ އެމްބަސީން ހުއްދަ ލިބުނީމާ ވަޅުލެވޭނީ. އެކަމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖިއްޔާ ވަޅުލަން އެ ދުވަހުން ދުވަހަށް،" ކަށުކަމާކެމީގެ ކަންތަކުގައި އުޅޭ މީހާ ބުންޏެވެ.

ޔާސިރު ވަޅުލުން ލަސްވުމާ ގުޅޭގޮތުން އިމިގްރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޔާސިރަށް ނުރައްކާ ތުހުމަތުތަކެއް ސަރުކާރުން ކުރޭ

މާޗް، 2017 ގައި ޔާސިރު ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރު ކުރި އެވެ. އޭގެ ފަހުން އެއްވެސް ތަހުގީގެއް އަދި ދައުވާއެއް ކުރުމެއް ނެތި ޔާސިރު ބަންދުކޮށްފައި ވަނިކޮށް، ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހު ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އެވެ.

އޭނާ ދިވެއްސަކާ ކައިވެނިކޮށް، ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޔާސިރު ހައްޔަރުކުރީ އަލްގައިދާއާ ގުޅުން އޮންނަ ކަމަށް ބޭރުގެ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ ކަމަށާއި އޭނާ ރާއްޖެ އިން ފުރުމުގެ ފުރުސަތު ދިނުމުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

ސަރުކާރުން ބުނީ ޔާސިރު ރާއްޖެ އިން ފުރުވައިލަން ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ހޯދަން އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރި މަސައްކަތުގައި ވެސް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.

ޔާސިރަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އޮކްޓޯބަރު 2، 2019 ގައި ވިދާޅުވެފަ އެވެ. ފުލުހުންނާ އެކު ބޭއްވި ނިއުސް ކޮންފަރެންސްގައި އިމްރާން ވިދާޅުވީ ޔާސިރާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާއިން ވެސް ފެންނަން އެބަހުރި ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޔާސިރަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެތައް ދުވަހަކު ޖަލުގައި ހޭދަކޮށްފައިވާ މީހެއް ކަމަށާއި ރާއްޖޭގައި އުޅޭ ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް މީހުންނާ ވެސް އޭނާއާ ގުޅުން އޮންނަކަން ފުލުހުންނަށް އެނގޭ ކަމަށެވެ. ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން ވެސް ޔާސިރާ ބެހޭ މައުލޫމާތު ދީފައި އެބަހުރި ކަމަށް ހަމީދު ވިދާޅުވެފައި ވެ އެވެ.

އެ ތުހުމަތުތައް ޔާސިރުގެ އާއިލާއިން ދޮގު ކުރެ އެވެ. އާއިލާ އާއި ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014 ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާގޮތުގައި، އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ޔާސިރު ފުރައިގެން ދާން ރާއްޖޭގެ އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް އެންގިއިރު، އޭނާގެ އަނބިމީހާ އިނީ ބަލިވެ އެވެ. އަދި އަނބިމީހާ ވިހެއުމަށް ފަހު، ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ. އެކަމަކު، ފަހުން ޔާސިރުގެ ވިސާ ކެންސަލްކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަނުން އޭނާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޔާސިރު މަރުވުމުން އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި އެފަދަ ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ޚިލާފު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ. އެކަން ކުރީ އޭގެ ސަބަބުން އޭނާގެ އަންހެނުންނާއި ދަރިފުޅަށް ކުރިމަތިވެދާނެ އަސަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ބަޔާނުގައިވެ އެވެ.