ނުބައި ނިޔަތަކާ އެކު މާލީ އިދާރާތަކުގެ ތެރެއިން އެެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގައިދޭން ކަންކަން ތަރުތީބުކުރި ކަން ތަހުގީގުން މިހާތަނަށް ފާހަގަވެފައިވާ ކަމަށާއި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތަކުގައި ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބޭންކްތަކާއި އެމްއެމްއޭއާ ދިމާލަށް ކުރިން ވެސް އިނގިލި ދިއްކުރި އެވެ. އެވަރުގެ ޚިޔާނާތެއް މާލީ އިދާރާތަކަށް ނޭނގި ނުހިންގޭނެ ކަމަށް އުފެއްދި ސުވާލުތަަކުން އެ އިދާރާތައް ދިފާއުވެގެން ތިބި ނަމަވެސް ސީދާ ބައިވެރިވުމުގެ ތުހުމަތެއް އޮތް ކަމަށް ރަސްމީ އިދާރާއަކުން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

ޚިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ގަޑިއެއްހާ އިރުގެ އިންޓަވިއުގައި، މާލީ އިދާރާތަކާ މެދު ކުރާ ޝައްކުތަކަށް ބެލިތޯ އެހުމުން ވިދާޅުވީ އެ އިދާރާތަކަށް ތުހުމަތުކުރާ މައްސަލަތައް ވެސް ޖޮއިންޓް އިންވެސްޓިގޭޝަންގައި އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ. ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގައި ތިބި ތުހުމަތު ކުރެވޭ މީހުންނަށް ވެސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަން މިހާރު އެނގޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް އެ ބޭފުޅުންނާ އެކުގައި ވާނީ އިޝާރާތް ކުރެވިފައި. ގަވަރުނަރަށް ވެސް އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

"ގަސްތުގައި ނުބައި ނިޔަތެއް އޮވެގެން ކަންކަން ވަކި ގޮތަކަށް ފެސިލިޓޭޓްކޮށްދޭން، ތަރުތީބު ކުރުމަށްޓަކައި ރޭވިގެން މަސައްކަތް ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ވެސް އެބަހުއްޓޭ. އަނެއްހެން، އިންޓާނަލް ސިސްޓަމްތައް ބަލިކަށިކަމުން ހިނގާފައި ހުރި ކަންކަން ވެސް އެބަހުރި."

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވިދާޅުވަނީ މާލީ އިދާރާތަކުން ހިޔާނާތަށް އެހީވި ކަމަށް ތުހުމަތު ކުރެވޭ 
 މައްސަލަތައް ބަލަމުން އަންނަ ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވިދާޅުވަނީ މާލީ އިދާރާތަކުން ހިޔާނާތަށް އެހީވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ތަހުގީގުން ފާހަގަވި މާލީ އިދާރާތަކުގައި ހުރި ބަލިކަށިކަން، ޕީޖީ ވިދާޅުވި ގޮތުގައި، އެމްއެމްއޭގެ ސަމާލުކަމަށް އިދާރާތަކުން ގެންނާނެ އެވެ.

ފައިނޭންޝަލް ސެކްޓާ ވެސް ރަނގަޅަށް ހިނގަން ޖެހޭނީ އެތަނުގައި ހުންނަ މީހެއްގެ ސަބަބަކުން ނޫން ކަމަށާއި އެއީ ކަނޑައަޅާފައި އޮންނަ ނިޒާމްތަކުން ކަން އެއީ ކަށަވަރު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެމްއެމްއޭ އާއި ބީއެމްއެލްގެ ބައެއް އިސްވެރިންނަށް ތުހުމަތުތަކެއް ކުރި އެވެ. މަޖިލީހުން ބައެއް މައްސަލަަތައް ބެލިއިރު، އޭސީސީން ކުރިން ނެރުނު ރިޕޯޓުގައި ވެސް މާލީ އިދާރާތަކުގެ އިހުމާލު ފާހަގަކޮށްފައި އޮތެވެ.

ބީއެމްއެލްގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރި މައްސަލަ އެވެ. ބީއެމްއެލް އިން މި ތުހުމަތު ދޮގުކޮށްފައި ވިޔަސް ނޮޓް ނެގޯޝިއަބްލް ހަ ޗެކެއް ބީއެމްއެލް އިން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރިކަން އެނގުނީ އެމްއެމްޕީއާރުސީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ލިޔެކިޔުންތަކުން ކަމަށް މަޖިލީހުން ވަނީީ ބުނެފަ އެވެ.

މާލިއްޔަތު ކޮމިޓީގައި ޗެކްތަކާ ބެހޭ ގޮތުން ބޭންކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލުވި މައްސަލައިގައި އެމްއެމްއޭގެ އިސްވެރިންގެތަކަކަށް ދައުވާކުރަން ވެސް އޭސީސީން ފޮނުވި އެވެ.