ދީބާޖާ އަށް ކުޑަކުރަތު ދޫކުރި ގޮތް ބަލަން އޭސީސީ އަށް

އުތުރު ޕްރޮވިންސްގެ ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ވީ އެއްބަސްވުމުގެ ދަށުން ރ. ކުޑަކުރަތު ތަރައްގީ ކުރަން 25 އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ފަހު ކުއްލި ގޮތަކަށް އެ ރަށުގެ މުއްދަތު 50 އަހަރަށް ބަދަލުކުރި ސަބަބު ތަހުގީގުކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.


ދީބާޖާއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކޯޓުން ހުކުމް ކޮށްފައި އޮއްވައި، އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ލަފާ ދެއްވި ޚާއްސަ އޮޑިޓުގެ ތަފްސީލް މާލިއްޔަތު ކޮމެޓީއާ ހިއްސާކުރައްވަމުން ޒިޔަތު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިން ޚިދުމަތް ދީފައިނުވާ ކަމަށެވެ. އެހެންވިޔަސް ނ، ބ، ރ، ޅ، އަތޮޅުގައި ޚިދުމަތް ދޭނެ ކަމަށް ބަލައި ރިސޯޓް ތަރައްގީކުރަން ރަށްރަށާއި ގެސްޓް ހައުސް އާއި ފެރީ ޓާމިނަލް ހިންގަން ބިން ދޫކުރަން އެއްބަސްވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ކަމަކަށް ރ. ކުޑަކުރަތު ދޫކުރަން ނިންމި އިރު އޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިނގާފައިވާ ކަމުގެ ތުހުމަތުތަކެއް އޮޑިޓުގައި ކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ ލީސް އެގްރިމެންޓެއްގެ ދަށުން ދީބާޖާއަށް ކުޑަކުރަތު މެއި، 25، 2010 ގައި ދޫކުރީ 25 އަހަރަށް ކަމަށެވެ. އެކަމަކު ޖޫން، 1، 2011 ގައި އާ އެގްރިމެންޓެއް ހަދައި އެ މުއްދަތު 50 އަހަރަށް ދިގުކުރި އެވެ. އެގޮތަށް ހެދީ، ދީބާޖާ މޯލްޑިވްސްގެ ނަމުގައި ސަރުކާރާއި ދީބާޖާ އިންވެސްޓްމެންޓާ ދެމެދު ޖޮއިންޓްވެންޗާ ކުންފުންޏެއް ގާއިމްކޮށްގެންނެވެ.

އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް އުޅޭކަމުގެ ތުހުމަތު، އޮޑިޓްގައި ކޮށްފައި ވަނީ، އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ދީބާޖާ އިން އެހެން ކުންފުންޏަކަށް ކުޑަކުރަތު ދޫކުރުމުންނެވެ.

ކުޑަކުރަތު 25 އަހަރަށް ފުރަތަމަ ދޫކޮށްފައި ފަހުން ކުއްލި ގޮތަކަށް 50 އަހަރަށް ބަދަލުކުރި ސަބަބު އޮޑިޓުން ސާފުވިތޯ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސުވާލު ކުރެއްވުމުން އޮޑިޓް އޮފީހުން ބުނީ އެ ސަބަބު ނޭނގޭ ކަމަށެވެ. އެއްބަސްވުމުގައި ވެސް އެ ސަބަބު ލިއެފައި ނެތް ކަމަށާއި އެކަން އެނގޭ އެހެން ލިއުމެއް ވެސް ލިބިފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދީ އޭރު ގާނޫނުގައި އޮތް ގޮތުން ކުޑަކުރަތު 50 އަހަރަށް ކުއްޔަށް ނުދެވޭނެތީތޯ ނުވަތަ ގާނޫނު ބައިޕާސްކުރަން ހަދާފައި އޮތް މަކަރެއްތޯ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު އުފެއްދެވި އެވެ.

އޮޑިޓް އޮފީހުން ތަކުރާރުކޮށް ބުނީ މުއްދަތު އިތުރުކުރި ސަބަބު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ އެއީ ތަހުގީގުކޮށް ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި އޮޑިޓުގައި ލަފާ ދީފައިވާނެ ކަަމަށް ހަސަން ވިދާޅުވި އެވެ.

"ފުރަތަމަ ވަކި ވަރަކަށް ބިޑްކޮށްފައި ފަހުން ބަދަލުވި ސަބަބު އެއީ އިތުރަށް ބަލަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަވީ. ސައިޒު ވެސް ވަކި ރަށަކަށް ބަދަލުވެގެން ދިއުމާއި ކުއްޔަށް ދިން މުއްދަތު ވެސް އިތުރުވެގެން ދިޔައީ،" ހަސަން ވިދާޅުވި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ކުރީގެ ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ.

މި ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެކަމަކު އާންމުންގެ ހިތްހަމަނުޖެހުމާއި ގާނޫނީ ފަރާތްތަކުން އުފެއްދި ސުވާލުތަކާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުންގެ ހުރަސްއެޅުއްވުންތަކާ އެކު ސަރުކާރަށް މަޖުބޫރުވީ ނިންމެވުން އަނބުރާ ގެންދާށެވެ. އެހެންވެ ކުރީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާކޮށްދޭން މިހާރުގެ ސްޕްރީމް ކޯޓަށް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.