ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ޖެހިއިރު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރި އެވެ. އިސްވެ ދުއާ ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ޝައިހް ނަސްރުﷲ އަލީ އެވެ.
ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ. މިނިވަން ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ހާއްސަ ރަސްމިއްޔާތާއި ކުޅިވަރު ހަރަކާތްތައް ބޭއްވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު އެފަދަ އެއްވެސް ކަމެއް ނުބާއްވަން ސަރުކާރުން ވަނީ ނިންމަވައިފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު 10:00 ގައި ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ.