އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކުރި ގާކޮށި އަދި އަރަބިއްޔާ ފްލެޓުތަކުގެ ބިއްލޫރިތައް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނުގައި ވަނީ، އެ ދެ އިމާރާތުގެ ފްލެޓުތަކުގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
ޓާޓާއިން އެޅި ފްލެޓުތަކުގައި މީހުން އުޅެން ފެށީ 2016-2017 ހިސާބުގަ އެވެ. އޭރުން ފެށިގެން ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިއުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
އެތަނުގައި ދިރިއުޅޭ މީހަކު، ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ބުނީ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދިއުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަރަށް ގިނައިން ގެނެސްފައިވާ ކަމަށެވެ. މިހާރު ދޮރު ހަލާކުވުމުން އެ ހަދަންޖެހެނީ ވެސް އަމިއްލަ އަށް ކަމަށް ބުންޏެވެ.
"ފްލެޓަށް އެންމެ ފުރަތަމަ ބަދަލުވި މީހުންގެ ތެރޭގައި މި ހިމެނެނީ، އޭރުން ފެށިގެން ހަމަ މި ހާލެއްގައި މި އުޅެނީ. ހުރިހާ ފްލެޓަކަށް ވެސް މި މައްސަލަ އެބަ ދިމާވޭ،" އޭނާ ބުންޏެވެ.
އެހެން މީހަކު ބުނިގޮތުގައި، ބިއްލޫރިތައް ތަޅައިގެން ގޮސް، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ އެކަން ވީހާ ވެސް އަވަހަކަށް ރަނގަޅުކޮށްދިނުމަށް އެދެ އެވެ.
ބައެއް ފަހަރު ބިއްލޫރިތައް ކުދިވެ، މަގުމައްޗަށް އެޅިފައި ވެސް އެބަހުއްޓެވެ. ބައެއް އެޕާޓްމަންޓްތަކުން ބުނި ގޮތުގައި، އެހެން އެވަނީ ދަށް ކޮލިޓީއެއްގެ ބިއްލޫރި އަށް ވާތީ، މާ ބޮޑަށް ހޫނުވެގެންނެވެ.