ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ބިއްލޫރިތައް ތެޅެނީ، ސަމާލުވޭ!

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) މިއަދު އިލްތިމާސްކޮށްފި އެވެ.


އެތަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި އެހެން ބުނިއިރު، އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތް ކޮށްފައިވާ "މާލޭ ގްރޭންޑް" ގެ ހަ ވަނަ ފްލޯގެ ކޮޓަރިއެއްގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް އިއްޔެ ވަނީ ތަޅައިގެން ގޮސް ބިންމައްޗަށް ފައިބައިފަ އެވެ.

އެ ހާދިސާ އަށް ފަހު، އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ޓާޓާ ކުންފުނިން ހެދި އެ އިމާރާތްތަކުގެ ފެންވަރު ދަށްވެ، ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެތަނުގައި މިދިޔަ އަހަރު މީހުން ދިރިއުޅެން ފެށުމާ އެކު، ބައެއް ފްލެޓްތަކުގެ ބިއްލޫރިތަކުގައި ރެނދުލައި ތަޅައިގެންދާ ކަމަށާއި އެކަމުގެ ރިޕޯޓު ތަކުރާރުކޮށް ލިބެމުންދާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި މި މައްސަލަ ދިމާވަނީ ބިއްލޫރިތަކަށް މާބޮޑަށް ހޫނުވާތީ އެވެ.

"މިއީ އާއްމުންގެ ރައްކާތެރިކަމާ ގުޅުން ހުރި ކަމަކަށް ވާތީ ވީހާ ވެސް އަވަހަކަށް ހައްލެއް ގެނައުމަށް، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ދަނީ މަޝްވަރާ ކުރަމުންނެވެ،" އެ ކޯޕަރޭޝަނުގައި ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން އަންގަނީ މި މައްސަލައަށް ހައްލެއް ގެނެވެންދެން، އިމާރާތުގައި އުޅޭ މީހުންނާއި އެހެން މީހުން ވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށެވެ.

މީގެ ތިން އަހަރު ކުރިން، 2016 ވަނަ އަހަރު ނިންމި އެ ފްލެޓްތައް އާއްމުންނަށް ދައްކާލުމާ އެކު ވެސް އެތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އޭރު އެތަން ބެލި މީހުން ބުނިގޮތުގައި ފްލެޓްތަކުގެ ފެންވަރު ހީކުރި ވަރަށް ވުރެ ދަށެވެ. އެގޮތުން އާއްމުންގެ ރައްކާތެރިކަމަށް، އިމާރާތުގެ އެކި ޔުނިޓްތަކުގެ ބެލްކަނީ ރެއިލިން އާއި ކޮމަން އޭރިއާގެ ރެއިލިން ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

އަދި ފްލެޓްތަކަށް ވާރޭގެ އަސަރު ކުރާތީ ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށް އެތަނުން މިރޭ ބުންޏެވެ.