މަސްތުވާތަކެތީގެ މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ޖަލުގައި ޖާގަ ނެތިގެން ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތިި ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ މީހަކު ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މެއި މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ގާނޫނުގައި ބުނާގޮތުގެ މަތިން ރިމާންޑް ޖަލެއްގައި އޭނާ ބަހައްޓާފައި ނުވާތީ އެވެ. ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ރިމާންޑް ޖަލަކަށް އޭނާ ބަދަލު ނުކޮށް، ފުލުހުންގެ ބަންދުގައި ބެހެއްޓީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުން ކަމަށް ފުލުހުން ކޯޓަށް އަންގާފައިވެ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތްގޮތުން ތަހުގީގު ނިމި، ދައުވާ އުފުލިފައިވާ މީހުން ބަންދުގައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށެވެ. އަދި ރިމާންޑް ޖަލެއްގައި ބަހައްޓާފައި ނުވަނީ ޖަލުގައި ޖާގަ ނެތުމުން ކަން ފުލުހުން ކޯޓަށް އަންގާފައިވަތީ އޭނާ ދޫކޮށްލަން ކުރި އަމުރު ރަނގަޅު ކަމަށް އެ ހުކުމުގައިވެ އެވެ.
ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ އެ މީހާ ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވުނީ ކޮވިޑް-19 އާ ގުޅިގެން ޖަލު ފުރިފައިވާތީ ކަމަށާއި އެއީ ޟަރޫރީ ހާލަތެއް ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން މިފަދަ ޚާއްސަ ހާލަތްތަކުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި މީހުން ބަންދު ކުރެވިދާނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ފަހުން ގެނައި އިސްލާހުގައި ބުނާ ޚާއްސަ ހާލަތު އެ މައްސަލާގައި ހިންގެން ނެތް ކަމަށެވެ. ސަބަބަކީ އެ އިސްލާހު އޮތްގޮތުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މީހުން ބަންދު ކުރެވޭނީ ތަހުގީގު މަރުހަލާގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ކަމަށް ވެފައި، މި މައްސަލައަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދު ކުރަންޖެހޭ ބާވަތުގެ މައްސަލައަކަށް ވުމެވެ.
އެހެންވެ، ދަށު ކޯޓުން އެ މީހާ ދޫކޮށްލަން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ. އެކަމަކު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށާއި އޭނާ އަލުން ބަންދު ކުރަން ދަށު ކޯޓުގައި އެދިއްޖެ ނަމަ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ދައުވާ އުފުލިފައިވާ މީހުން ބަންދުގައި ބައިތިއްބަން ޖެހޭނީ ކަރެކްޝަންސް އިން ބަލަހައްޓާ ރިމާންޑް ޖަލެއްގަ އެވެ. ރިމާންޑް ޖަލުތައް ހުންނަނީ މާލެ އާއި މާފުށީގަ އެވެ. އެހެންވެ، އަތޮޅުތަކުގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ މީހުން ވެސް ބައިތިއްބަން ޖެހެނީ އެތަނުގަ އެވެ.