ޑިމޮކްރަސީގެ އުސޫލަކީ ކަމެއް ހައްލު ނުވެއްޖެ ނަމަ އެކަމަކާ މެދު ކޯޓުން ގޮތެއް ނިންމުން ކަމަށާއި އެކަމަކު ރާއްޖޭގައި އެގޮތަށް އަމަލު ކުރުމުން އެކަމަށް ފާޑު ކިޔަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ އުސޫލަކީ އަމިއްލަ މައްސަލަތައް ނުވަތަ ސިޔާސީ މައްސަލަތައް ކަމަށް ވިޔަސް ހައްލު ނުވެއްޖެ ނަމަ އެކަމެއްގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލު ކަމަށާއި އެކަމަކު ރާއްޖޭގައި އެގޮތަށް އަމަލުކުރާތީ އެކަމަށް ބަޔަކު ފާޑު ކިޔަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުނިޔޭގެ އެންމެ ބޮޑެތި ބައެއް ޑިމޮކްރަސީތަކުގައި ރައްޔިތުން އިންތިޚާބުކުރާ ރައީސަކާ މެދު ވެސް ވޯޓުގެ މައްސަލަ ދިމާވީމަ ކޯޓުން އެކަމުގައި ގޮތެއް ނިންމަނީ. އެއީ އެތަނުގައި ޑިމޮކްރަސީ އޮތްގޮތް. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި ހިނގާ ސިޔާސީ ކަމަކާ ބެހޭގޮތުން ނޫނީ ސިޔާސީ ޕާޓީއެއްގައި އުޅޭ މައްސަލަ ހައްލު ނުވެގެން އަޅުގަނޑުމެން ކޯޓަށް ދިޔައިމަ އެއީ ރާއްޖޭގައި ޑިމޮކްރަސީ ނެތީ،" ޕީޕީއެމްގައި ބައިބައިވުން އުފެދި އެ ޕާޓީ ހިންގުން ހިންގުން ރައީސް ޔާމީނާ ހަވާލުކުރި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ވަގެކޭ ކިޔާ ވަގެއް ވާނީ ވަގަކަށް. އެކަމަކު ސާބިތުވާން ޖެހޭނެ. އެކަމަކު މީހާ ހިތްހަމަނުޖެހޭ ކޮންމެ މީހަކު ތަނަވަސްކޮށް އުޅޭ ކޮންމެ މީހަކީ ވަގެކޭ ބުނީމަ ކަމަކު ނުދާނެ: ރައީސް
ރައީސް ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި އެއީ ހުރިހާ ތަނެއްގައި ވެސް ކަން ހިނގާ ގޮތް ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތީ އިސްތިއުނާފްގެ މަރުހަލާތައް ނިމިގެން ހުކުމް އަންނައިރު އެ ހުކުމް ގަބޫލުކުރަން ޖެހޭ ގޮތަށް ކަމަށްވާތީ ހިތްހަމަ ނުޖެހުނަސް އެ ހުކުމެއް ގަބޫލުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު ޕީޕީއެމް ހިންގުން އެމަނިކުފާނާއި ކޯޓުން ހަވާލުކުރި މައްސަލާގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނާ ދެމެދު މައްސަލަ ހޫނުވެ، ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
ނޫސްވެރިކަމާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ޒިންމާދާރު ނޫސްވެރިކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ތެދު މައުލޫމާތު ފޯރުކޮށްދޭ ނަމަ ސަރުކާރުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ހަގީގަތާ ޚިލާފަށް ދޮގު މައުލޫމާތު ފަތުރައި، މީހުންނާ މެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ އެކަމަށް ފުރުސަތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަގެކޭ ކިޔާ ވަގެއް ވާނީ ވަގަކަށް. އެކަމަކު ސާބިތުވާން ޖެހޭނެ. އެކަމަކު މީހާ ހިތްހަމަނުޖެހޭ ކޮންމެ މީހަކު ތަނަވަސްކޮށް އުޅޭ ކޮންމެ މީހަކީ ވަގެކޭ ބުނީމަ ކަމަކު ނުދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ކުރިނބީއަށާއި ހިރިމަރަދޫ އަށް ވެސް ވަޑައިގެން އެ ދެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވައިފަ އެވެ. އަދި މަކުނުދޫއަށާއި ށ. ކަނޑިތީމަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.