ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަވަސް ޝިފާއަކަށް އެދި ގިނަ ބައެއްގެ ހެޔޮ ދުއާ އިން ސޯޝަލް މީޑިއާ ފުރާލައިފި އެވެ.
ރާއްޖޭގައި ބާރަށް ފެތުރެމުންދާ ބައްޔަށް އުމުރުފުޅުން 82 އަހަރުގެ މައުމޫން ޕޮޒިޓިވްކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓްރީ ޓޮޕަށް ވަޑައިގެން އިއްޔެ ޓެސްޓް ކުރެއްވުމުންނެވެ. އެމަނިކުފާނު ރޭ އެޑްމިޓްކުރީ ކޮވިޑްގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
ކޮވިޑުގެ ހައި ރިސްކް ކެޓަގަރީގައި އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
އެކަމަކު މައުމޫންގެ ހާލުކޮޅު ރަނގަޅެވެ. އެމަނިކުފާނާއި އާއިލާ އިން ކުރި ޓުވީޓްތަކުގައިވާ ގޮތުން، ބަލީގެ އަލާމާތްތައް ހުރީ ކުޑަކޮށެވެ.
"މާތްﷲގެ އިރާދަފުޅުން ބައްޕަ ހާލުކޮޅު ރަނގަޅު، އަލާމާތްތައް ހުރީ ކުޑަކޮށް،" ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައިވެ އެވެ.
މިއީ، މިދިޔަ މާޗްމަހުން ފެށިގެން ރާއްޖޭގައި ފެތުރެމުންދާ ބަލީގައި ދައުލަތުގެ މިހާ އިސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ބަލި މީހުންނާ ގާތުން ބައްދަލުވެ، ކެބިނެޓުގެ ބައެއް ވަޒީރުން 14 ދުވަހު އައިސޮލޭޝަންގައި ތިއްބަވަން ޖެހިވަޑައިގަތެވެ.
ސިޔާސީ ހިޔާލުތަފާތުވުން އެއްފަރާތްކޮށް ގިނަ ބަޔަކު ވަނީ މި ބަލިން މައުމޫން އަވަަހަށް ރަނގަޅުވުމަށް އެދި ސޯޝަލް މީޑިއާގައި ހެޔޮ ދުއާކޮށްފަ އެވެ. އޭގެ ތެރޭގައި، އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުން ވެސް ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ މައުމޫނަށް އަވަސް ޝިފާއަކަށް ހެދި ޓުވީޓްކުރައްވައިފަ އެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގަތް ސިއްހީ ހާލުކޮޅާ މެދު ހަމްދަރުދީގެ މެސެޖްތައް ފޮނުއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ކުރިން ރައީސްކަން ކުރެއްވި ޕީޕީއެމްގެ އިސް ބޭފުޅުންނާއި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ވެސް ވަނީ އަވަސް ޝިފާއަކަށް އެދި މެސެޖްކޮށްފަ އެވެ.
މައުމޫނަށް އަވަސް ޝިފާއަކަށް އެދި ޕީޕީއެމުން ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ އެހީ ކަންބޮޑުވުމާ އެކުގައި ކަމަށެވެ. އެ ޕާޓީން އެދެނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ކަމަށް ބަޔާނުގައިވެ އެވެ.
މައުމޫންގެ ސަޕޯޓަރުން ޓުވިޓާގައި ލިއެފައިވާ ގޮތުގައި އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވި ޚަބަރު އެހީ ފުން ހިތާމައާ އެކުގަ އެވެ. ހެޔޮ ދުއާ ވަނީ އެމަނިކުފާނާ އެކުގަ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅާ މެދު ހަމްދަރުދީފާޅުކުރަމުންދާ މީހުންނަށް ޝުކުރުއަދާކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ.
ކޮވިޑް ފެތުރެން ފެށުމާ އެކު މައުމޫން ވެސް ވަގުތު ހޭދަކުރައްވަމުން ގެންދެވީ ގޭގައި ކަމަށްވެ އެވެ. އެކަމަކު ކޮރޯނާވައިރަސް ފެތުރެމުން ދާ ސްޕީޑަށް ބަލާއިރު އެއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅޭތީ ކަމާބެ ހޭ އިދާރާތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުމަތީގައި ތިބެން ދީފައިވާ އިރުޝާދުތައް ހަނދާންކޮށްދެމުންނެވެ. މާސްކް ނާޅާ ބޭރުގައި ނޫޅުމާއި ގިނަގިނައިން އަތް ދޮވުމާއި ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަށް ބޭރަށް ނުނުކުތުމުގެ އިތުރުން އަބަދުވެސް އެހެން މީހުންނާ ގައިދުރުކަން ބެހެއްޓުމަކީ ކޮވިޑާ ދެކޮޅަށް މިވަގުތު އޮތް އެންމެ ރައްކާތެރި ފަރުވާ ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިއީ ލޮކްޑައުންއަށް ސަރުކާރުން ދީފަައިވާ ލުއިތަކަށް ބަދަލު ގެންނަންވީ ވަގުތު ކަމަށް ބުނެ މައުމޫންގެ ޕާޓީ، އެމްއާރުއެމް އިން މިދިޔަ މަހުގެ ފަހުކޮޅު ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ހާލަތު ގޯސްވެ އެތައް ބަޔަކަށް ބަލި ޖެހުމަކީ ލޮކްޑައުން އަށް ދީފައިވާ ލުއިތައް ހަރުކަށި ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 28 މީހަކު ވަނީ މަރުވެފަ އެވެ. އެ ބައްޔަށް މިހާރު 2،580 މީހަކު ފަރުވާ ހޯދަމުން އަންނައިރު، 173 މީހަކު ހޮސްޕިޓަލްތަކުގައި ވަނީ އެޑްމިޓް ކޮށްފަ އެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 4،439 މީހެކެވެ.