ގާނޫނުން މިހާރު ވެސް ލިބިދޭ ސަލާމުގެ ޗުއްޓީގެ އިތުރަށް އަންހެން މުވައްޒަފުންނަށް، ޕީރިއަޑްވުމުން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކުރާ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ގާނޫނުގައި ހިމަނުއްވަން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ މަހަކު މުސާރަ ލިބޭ ގޮތަށް އެއް ދުވަހުގެ ޗުއްޓީއެއް ދޭން ވާނެ ކަމަށެވެ. އެ ޗުއްޓީ ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިއުމެއް މުވައްޒަފު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އޭނާ ދެން ހުށަހެޅުއްވީ ކޮންމެ މަހަކު އެ ޗުއްޓީ ނުނަގާ މުވައްޒަފުންނަށް އަސާސީ މުސާރަ އިން އެއް ދުވަހަށް ޖެހޭ މިންވަރު އިތުރަށް ދިނުމެވެ.

ސިރާޖު ވިދާޅުވި ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ޕީރިއަޑް ދުވަސްވަރު އަންހެން މުވައްޒަފުން މަސައްކަތަށް ނުކުމެ އުފުލަން ޖެހޭ ތަކުލީފުތަކަށް ގާނޫނީ ގޮތުން ލުޔެއް ހޯދައިދިނުމެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަލައިގަނެ އަމަލުކުރަމުން އަންނަ އުސޫލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެ އުސޫލް ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވާނެތީ އާއި ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާނެ ކަމަށް ފެންނާތީ [ހުށަހެޅީ]،" ސިރާޖް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެ އިސްލާހުތައް މަޖިލީހުގެ ކޮމިޓީތަކުން މިހާރު ވަނީ ދިރާސާކޮށް ނިންމައިފަ އެވެ.