ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި

ރާއްޖޭގެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު މީޑިއާގެ ކުރިމަތީގައި އަވަގުރާނަ ގޮވައިފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް، މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރެސްޓޯރެންޓާއި އެނޫން ވެސް ތަންތަނަށް ނަޝީދު ފޮތް ބައްސަވަން ވަޑައިގެންނެވިއިރު މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި މަޖިލިސް މެމްބަރުންނާއެކު މޭޒު ކައިރީގައި ހުންނަވައި ސޮއިކުރައްވައި ފޮތް ދެއްވިއިރު ގައިދުރުކަމެއް އަދި މާސްކް އެޅުއްވުމެއް ވެސް ނެތް ކަމަށެވެ.

އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް، އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު އެއާޕޯޓުގައި ހުންނެވިއިރު ވެސް މާސްކް ނާޅުއްވާ ކަމަށް ވިދާޅުވި އެވެ. އޭނާ އިޝާރާތް ކުރެއްވީ އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި އަރިސް ބައެއް ބޭފުޅުންނާ އެކު ނަޝީދު ނަންގަވާފައިވާ ފޮޓޯކުން ފެންނަ މަންޒަރަށެވެ.

"ދެން އެ ނެރުއްވައިގެން އުޅޭ ދެ ރ** ފޮތް .... ދެ ރަދުންގެ ފޮތް ބައްސަވަން ރެސްޓޯރެންޓުތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގެން ވަޒީރުންނާއި އަމީރުންނާއި ނޫނިއްޔާ އެމްޑީންނާއި މެމްބަރުންނާ ބޭފުޅުން މޭޒުކޮޅު ކައިރީގައި ބައިތިއްބަވައިގެން ސޮއިކުރައްވާ ފޮތް ދެއްވާއިރު މާސްކް އެޅުއްވުމެއް ނެތް އަދި ގައިދުރުކަމެއް ވެސް ނެތް. އޭގެ އިތުރުން އިއްޔެ ނޫން އެހަށް ދުވަހު އެއާޕޯޓަށް ފުރާވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކޮޅަކާއެކު އިންނެވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވީ މާސްކް ނާޅުއްވައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ހުތުރު ބަހަކުން ފޮތުގެ ނަމަށް ނިސްބަތްކުރެއްވުމަށް ފަހު ހިނދުކޮޅަކަށް އަބްދުއްރަހީމްގެ ވާހަކަ މެދުކަނޑާލެއްވި އެވެ. އެ މަންޒަރާއި އަޑު ބައެއް ޓީވީތަކުން ލައިވް ވެސް ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރު މެންބަރުކަން ކުރެއްވި އިރު ވެސް އަބްދުއްރަހީމް ވަރަށް ހުތުރު ބަހުން މަޖިލިސް ތެރޭގައި ވާހަކަ ދައްކާ ވީޑިއޯތައް އާންމުވެފައިވެ އެވެ.

އަބްދުއްރަހީމް ވާހަކަ ކުރިއަށް ގެންދަވަމުން ރައްޔިތުންގެ މަޖިލީސް ތެރޭގައި ގައިދުރުކަން ނުގެންގުޅޭ ކަމަށާއި މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުކޮޅުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަދެއްކެވިއިރު ވެސް ގައިދުރުކަމެއް ނެތް ކަމަށް ވިދާޅުވެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.

ނަޝީދުގެ ދެ ރަދުން ފޮތް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑު-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެކަމާ ހިލާފުވާ މީހުން އަންނަނީ ޖޫރިމަނާކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިންނާ ހިލާފުވެގެން އަބްދުއްރަހީމާއި ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވަނީ 1،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.