ތިން ގައުމަކުން ރާއްޖެ އަށް އާ ސަފީރުން ކަނޑައަޅައިފި

ތިން ގައުމަކުން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރުން އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިިމް މުހައްމަދު ސޯލިހަށް މިއަދު އަރުއްވައިފި އެވެ.


ރާއްޖެއަށް އާ ސަފީރުން ކަނޑައެޅީ ސްރީލަންކާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އިންނެވެ. ލަންކާ އިން ކަނޑައެޅުއްވި ސަފީރަކީ އެ ގައުމުގެ މަޝްހޫރު މިއުޒީޝަނެއް ކަމަށްވާ ރޮހާނާ ބަޑާޖެވެ. ޕާކިސްތާނުން ކަނޑައެޅުއްވި ސަފީރަކީ ރިޓަޔާޑް ވައިސް އެޑްމިރަލް އަތާރް މުޚްތާރެވެ. ބަންގްލަދޭޝް އިން ކަނޑައެޅުއްވީ ނަޒްމުލް ހަސަން އެވެ.

އެ ތިން ބޭފުޅުން މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުއްވުމަށް ރައީސް އޮފީހުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.