ބަލި މީހާ ރަށަށް ނޭރުވީ ސިޔާސީ ބައެއް، އެކަން ކުށްވެރިކުރަން: ވިލިނގިލީ ކައުންސިލް

ގއ. ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް ގދ. ތިނަދޫން އިއްޔެ ގެންދިޔަ ބަލި މީހަކަށް ފަރުވާ ދޭން ދެކޮޅު ހަދައި، ރަށަށް ނޭރުވީ ޕީޕީއެމަށް ނިސްބަތްވާ މަދު ބައެއް ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.


ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް، އިއްޔެ ވިލިނގިއްޔަށް ގެންދިޔުމުން އެ ރަށު ބަޔަކު ވަނީ އަތިރިމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ވިލިނގިއްޔަށް އަމާޒުވެފަ އެވެ.

އެ ރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ބަޔަކު ހިންގި އެ އަމަލަކީ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެކަމާ އެ ރަށު މީހުން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތާމެދު ގާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެ އެވެ.

ބަލި މީހާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ ހައި ރިސްކް މީހަކަށް ވާތީ އެވެ. ގއ. އަތޮޅާއި ގދ. އަތޮޅަށް ޚާއްސަކުރި 23 އެނދުގެ ފެސިލިޓީގައި އޭނާ އަށް ފަރުވާދޭން އެ ރަށުގެ ބަޔަކު ދެކޮޅު ހެދުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ. އޭނާ އަށް މިހާރު ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ.

ވިލިނގިލީ ކައުންސިލްގެ ކަންބޮޑުވުމަކީ މަދު ބަޔަކު ސިޔާސީ ގޮތުން ހިންގި މި އަމަލުގެ ސަބަބުން އެ ރަށާއި ތިނަދުއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް ބުރޫ އެރުމެވެ. އެތަނުން ވަނީ، އެ އަމަލުގެ ސަބަބުން ދެ ރަށުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަށް އެއްވެސް މީހަކު މި ދަނޑިވަޅު މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"ވިލިނގިއްޔާއި ތިނަދޫގެ ރައްޔިތުންނަކީ މީގެ އަހަރުތަކެއް ކުރިން ވެސް ނަމޫނާ ބައެއްގެ ގޮތުގައި އަޅާލުމާއި އޯގާތެރިކަމާއެކު ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ. އެހެންވެ، ދެ ރަށުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ކައުންސިލުން އިލްތިމާސްކުރަމެވެ." އެތަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ކައުންސިލުން ގަބޫލު ކުރާގޮތުގައި، ވިލިނގިލީގައި ސަރުކާރުން ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ކޮންމެ ދިވެއްސަކަށް، ހާއްސަކޮށް ހުވަދު އަތޮޅުގެ މީހުންނަށް ފަރުވާ ދެވެން ޖެހޭނެ އެވެ. އެކަމަކު ސަރުކާރުން މިހާރު ނިންމާފައިވަނީ،، މައްސަލަ ހައްލު ކުރުމަށް ތިނަދޫގައި ފެސިލިޓީއެއް ހަދާށެވެ.