މައްސަލަ ހައްލުކުރަން ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަނީ

ގދ. ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދޭން ދެކޮޅު ހަދައި އޭނާ އެ ރަށަށް ނޭރުވި މައްސަލަ ބޮޑުވުމުން ތިނަދޫގައި ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.


ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ ޓުވިޓާ މެދުވެރިކޮށް މިކަން ތިނަދޫގެ ރައްޔިތުންނާ ހިއްސާކުރައްވައި ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެކަމަކު މި ފެސިލިޓީގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށެވެ. އެކަމަކު ތިނަދޫން ޕޮޒިޓިވްވެ ފަރުވާ އަށް ވިލިނގިއްޔަށް ފޮނުވި 68 އަހަރުގެ މިހާ އެ ރަށަށް ނޭރުވުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ.

މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަަކަށް އުޅެނިކޮށް ޕޮޒިޓިވްވި އެ މިހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ބައެއް މީހުން ބުނާ ގޮތުގައި، އެ ރަށުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރެވެ. އަނެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ފަހަތުގައި އޮތީ ސިޔާސީ ކަމެކެެވެ. ވިލިނގިލީ ހޮސްޕިޓަލުގެ އިސް ބޭފުޅަކު ވެސް ތުހުމަތުކުރެއްވި ގޮތުގައި އެއީ، ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ހިންގި ކަމެކެވެ. އެކަމަކު، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، މި ވާހަކަތައް ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި އެކަށީގެންވާ ވަސީލަތްތައް ހުރެ ވިލިނގިއްޔަށް އެ މީހާ ފޮނުވާލިއިރު ފަރުވާ އަށް ހޮސްޕިޓަލް ތައްޔާރުވެފައި ނުވާ ކަމަށެވެ. އެތަނަކީ ހައި ރިސްކު ބަލި މީހުންނަށް ޚާއްސަ ކުރި ތަނަކަށް ވިޔަސް ފަރުވާ ދެވޭނެ އިންތިޒާމްތަކާއި ވަސީލަތްތައް ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.

ރާއްޖެ އިން ކޮވިޑް-19، މިދިޔަ މާޗް 7 ގައި ފެނުމާ އެކު ސަރުކާރުން އަމާޒު ހިފީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެ ބައްޔަށް ފަރުވާ ދެވޭނެ ނިޒާމު ގާއިމް ކުރުމަށެވެ. ވިލިނގިލީގެ އިތުރުން ލ. ގަމާއި ށ. ފުނަދު އާއި ބ. އޭދަފުއްޓާއި އައްޑޫގައި ވަނީ ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. މި ފެސިލިޓީތަކުގައި މިހާރު ވަނީ ޚިދުމަތް ފަށައިފަ އެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ފެސިލިޓީތަކުގައި ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެވޭނެ ގާބިލްކަން ހުންނާނެ އެވެ. ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގަ އެވެ.