އޮޕަރޭޝަނެއްގައި އިންޑިޔާގެ އަސްކަރީ ދެ ބޯޓު ހަނިމާދު އަށް ޖައްސައިފި

ރާއްޖެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަނަކަށް އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ހެނދުނު 10:25 ގައި އިންޑިއާގެ ޑޯނިއާ ދެ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ސާވަޔަލަންސްގެ އޮޕަރޭޝަނަށް ބޭނުންކުރާނީ އެއް ބޯޓެވެ.

އާޒިމް ވިދާޅުވީ، ދެވަނަ ބޯޓަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުސޫލާ އެއްގޮތަށް އައި ބެކަޕް ބޯޓެއް ކަމަށެވެ.

"ބެކަޕް ފްލައިޓު މިއަދު އެނބުރި އިންޑިއާ އަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް އިންޑިއާގެ އަސްކަރީ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓުގައި އޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް ރާއްޖޭގެ ކޯސްޓް ގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަލީ ވިދާޅުވީ ދެ ބޯޓާ އެކު އިންޑިއާގެ 15 ވަރަކަށް ސިފައިން އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެ މީހުން މަޑުކުރަނީ އެއާޕޯޓުގެ އެތެރޭގައި ހުރި ކޮޓަރިތަކުގެ ތެރޭގައި ކަމަށާއި ރަށު ތެރެއަށް އެ މީހުން ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އަސްކަރީ ދެ ބޯޓު އައިސްފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިިނެއް ފަށާފައި ވަނިކޮށެވެ.

އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަދު ހަނިމާދޫ އެއާޕޯޓަށް ޖައްސަނީ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހަނިމާދު އަށް ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް އެ ރަށުން ދެ މީހަކު ހައްޔަރުކޮށް، ފޯނުގައި ހުރި ފޮޓޯ އާއި ވީޑީއޯ ޑިލީޓުކުރަން އެދިފައިވާ ކަމަށެވެ. އަޅުވެތިކަމާ ދިވެހިން ތެދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން އެ ވާހަކަތައް ދޮގުކުރެ އެވެ. ފުލުހުން ބުނީ، އެފަދަ މައްސަލައެއްގައި އެއްވެސް ބަޔަކާ މުއާމަލާތުކޮށް، ހައްޔަރު ވެސް ނުކުރާ ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓު ޖެއްސި މައްސަލާގައި އިދިކޮޅުގެ ވަރަށް ގިނަ މީހުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.