އައްޑޫގެ އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އައްޑޫގެ އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.


އެ ހަތަރު ސަރަހައްދަކީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އައްޑޫގެ ސަރަހައްދުތައް ހިމާޔަތްކުރަން ނިންމީ އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ހިމާޔަތްކުރަން ނިންމެވި ހަތަރު ސަރަޙައްދަކީ އައްޑޫ ޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ސެޕްޓެމްބަރު، 30، 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ޔުނެސްކޯ އަށް ހުށަހަޅާފައި ވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫގެ 97 ޕަސަންޓް ރައްޔިތުން ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވެފައިވެ އެވެ.

އައްޑޫގެ ސަރަހައްދުތަކެއް ހިމާޔަތްކުރަން ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކާ ވެސް މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާ އިރު، އައްޑޫގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ހއ، ހދ، ށ އަދި ނ އަތޮޅުގެ 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.