ކޮވިޑަށް ޓެސްޓުކުރުމުގެ ކެޕޭސިޓީ އިތުރުކުރަނީ

މާލެއާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.


އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް ކޮވިޑަށް 124،966 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ ބައްޔަށް މިދިޔަ ފެބްރުއަރީ މަހު އައިޖީއެމްއެޗުގައި ޓެސްޓުކުރަން ފެށިއިރާ އަޅާބަލާއިރު، ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރަން ފަށާނެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،700 ސާމްޕަލް ޓެސްޓުކުރިއިރު 93 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ނަތީޖާ ނުލިބޭ 200 ސާމްޕަލް އެބަހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރަނީ އެކި ޒޯންތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި ވަގުތު ހއ، ހދ، އަދި ށ. އަތޮޅުގައި ދުވާލެއްގެ މައްޗަށް 60 ޓެސްޓު ހެދޭއިރު އެ އަދަދު 200 އަށް އިތުރުކުރަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ. ނ، ރ، ބ، އަދި ޅ. އަތޮޅުގައި ދުވާލަކު 80 ސާމްޕަލް ޓެސްޓުކުރެ ވެ އެވެ. މާލެ ސަރަހައްދު ހިމަނައިގެން ކ. އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ދުވާލެއްގެ މައްޗަށް 1،000-1،300އާ ދެމެދުގެ އަދަދަކަށް ޓެސްޓުކުރެވޭއިރު ފ، ދ، ތ. އަތޮޅުގައި ދުވާލަކު 40 ޓެސްޓު ހެދެ އެވެ.

އާބާދީ ބޮޑު ގއ. އަދި ގދ. އަތޮޅުގައި މިހާރު ދުވާލެއްގެ މައްޗަށް 40 ޓެސްޓު އަދި ފުވައްމުލަކާއި އައްޑޫގައި ދުވާލަކު 60 ސާމްޕަލް ޓެސްޓުކުރެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި މިއަދު ޓެސްޓް ހަދަން ފަށާއިރު އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭ އާއި ޕޮލިސް ލެބުގައި ވެސް ކޮވިޑަށް ޓެސްޓުކުރެ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ދަން މި މަހުގެ ތެރޭގައި ވަރަށް އަވަހަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވެސް ޓެސްޓިން ފެށޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ގއ. ވިލިނގިއްޔާއި ށ. ފުނަދު އާއި ޅ. ނައިފަރާއި ފުވައްމުލަކުގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓައި ޓެސްޓުކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޮކްގައި މިހާރު ވެސް 45،000 ޓެސްޓް ކިޓް އެބަ ހުރި ކަމަށް، ޑރ. ނަޒްލާ ވިދާޅުވި އެވެ.