ރާއްޖެއިން ބޭރުން އަނބުރާ ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނުގައި ހުންނަންޖެހޭ ހުރުމަށް ސަރުކާރުގެ އިސްވެރިން އަމަލުކުރައްވަމުން ނުގެންދަވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބޭރަށް ކުރެއްވި ދަތުރަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ރަސްމީ އިވެންޓުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޫކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކް ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެކުލަވާލައި އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ. ހޯމް ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، މިނިސްޓަރު ޝާހިދު ގެންދަވަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް 14 ދުވަހުގެ ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރައްވަމުންނެވެ. ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުން އަމަލުކުރަން އަންގަވާފައި އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ގައިދުރުކަމާއި ގިނަ ވަގުތު އެ ހަރަކާތެއްގެ ތެރޭގައި ނުހުންނެވުން ހިމެނޭ ކަމަށް މިއުވާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެޗްޕީއޭގެ ގައިޑްލައިނާ މިނިސްޓަރު ޝާހިދު ހިލާފުވެވަޑައިގެން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އެފަދަ ޒިންމާދާރު ކުޑަ އަމަލުތައް ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

"ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވަމުންދާއިރު، އެއްވެސް ފިޔަވަޅެއް އަޅަން އެޗްޕީއޭއިން ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ކޯލިޝަނުން ބުނީ ރައްޔިތުންނަށް އެއް އުސޫލެއް، ބޮޑުންނަށް ވަކި އުސޫލެއް އޮންނަ އޮތުން ވަގުތުން ދޫކޮށްލައި މިނިސްޓަރަކަށް ވިއަސް އަދި މަޖިލީހުގެ ރައީސަކަށް ވިއަސް އެފަދަ އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގެންގުޅެން ޖެހޭނީ އެއް އުސޫލެއް ކަމަށެވެ.