ކޮވިޑު-19 ގެ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރު ފެއިލް ވެފައިވާތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަގުތުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

އެ ބަލީގައި ރާއްޖެއިން ރޭ ނިޔާވި އެންމެ ހަގު ކުއްޖާ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފުރާނައެއް ވަކިވެގެން ދިއުމުން މާފަށް އެދި ނިންމައިލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުންޏެވެ.

މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި، ހދ. ކުޅުދުއްފުށި، ލާޖަހާގޭ މިޝްކާގެ ހާލު އިއްޔެއާ ހަމައަށް ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް އެ ކުއްޖާގެ ހާލު މާ ބޮޑަށް ދެރަވުމުން އެމްބިއުލާންސަށް ގުޅައި އޭގެ އިންތިޒާރުގައި ތިން ގަޑިއިރު ހުންނަން ޖެހުނެވެ. އެންމެ ފަހުން އެ ކުއްޖާ ހޭނެތުނީކަމަށް އާއިލާއިން ބުނެ އެވެ.

އެ މައްސަލަ ހޫނުވެ، އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިޝްކާގެ އިތުރުން، ކޮވިޑުގައި މީގެ ކުރިން އެތައް ބަޔަކު މަރުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އޮތްކަމުގެ އިނގިލި ދިއްކުރެ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ވަނީ އެ ފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެެ.

"މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީ އެންމެ އަވަހަށް ތަހުގީގުކޮށް، މި ކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މި ކޯލިޝަނުން ހަރުއަޑުން ގޮވާލަމެވެ. ކޮވިޑު-19 އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކޮށްފައިވާއިރު، މި ފައިސާ މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހޭދަކުރެވިފައި ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.

އިިދިކޮޅު ކޯލިޝަނުން ބުނިގޮތުގައި ކޮވިޑް ފެސިލިޓީތައް ގާއިމްކޮށް، އެ ބައްޔަށް ޓެސްޓު ކުރާނެ އިންތިޒާމާއި އިތުރު ވަސީލަތްތަކާއެކު އެންމެ ނުރައްކާތެރި ހާލަތަށް ފުރިހަމައަށް ތައްޔާރުވެފައެއް ނުވެ އެވެ. އެހެންވެ، މިހާރު ގަބޫލުކުރެވެނީ ހެލްތު މިނިސްޓްރީ އާއި މުޅި ސަރުކާރު ފެއިލްވެފައިވުން ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

"ވުމާއެކު ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަމެވެ. އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް މި ކޯލިޝަނުން ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.

ކޮވިޑުގައި މިހާތަނަށް 170 މީހުން މަރުވެފައި ވެ އެވެ.