ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ފަސްކުރީ މިއަދު އާޒިމާ ހޮސްޕިޓަލަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެކަމަށް ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތުމުންނެވެ.

އެކަމަށް ދައުލަތުން ވެސް ދެކޮޅު ނަހަދާތީ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެ ފުރުސަތު ދެއްވައި، އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށް ދެއްވައިފަ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމާއި ގޮތް ނިންމުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރާއިރު، މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އެ މައްސަލަ އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.