ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާ ކުރިއަށް ގެންދިއުމާ މެދު އަންނަ މަހު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.
އާޒިމާގެ މައްޗަށް މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދައްކައި، ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، އެ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމާއި އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަވާނެ ކަމަށެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަންނާނީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުންނެވެ.
އާޒިމާގެ ވަކީލުން ވިދާޅުވީ، އާޒިމާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮވެގެން ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށާއި އެކަމަކު އެ މައްސަލައަކީ ބިޝާމްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތަށް މަގުފަހިވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވައިގެން ބިޝާމް އަމަލުކުރި ގޮތުން ކަމަށާއި ޚިޔާނާތާ ގުޅޭ ރިޕޯޓުތައް އޮޑިޓާ ޖެނެރަލް ނެރުމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ބިޝާމް އަޅުއްވާފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މަގާމުން ވަކިވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ފޮނުއްވުމުގައި ވެސް ބިޝާމް ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ބިޝާމްގެ މަސްލަހަތު އޮތް ކަމަށް ބުނެވޭނެ ސަބަބެއް ކަމަށް އާޒިމާގެ ވަކީލުން ވިދާޅުވި އެވެ. އެ ހާލަތުގައި ބިޝާމަށް ބައިވެރިވެގެން އާޒިމާގެ މައްޗަށް ދައުވާ ކޮށްފައި އޮތް އޮތުމަކީ އެ ދައުވާ ބާތިލް ކުރަންޖެހޭ ސަބަބެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނިގޮތުގައި، އާޒިމާގެ މައްޗަށް ދައުވާކުރާ މައްސަލާގައި ބިޝާމްގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސައިން ޝަމީމް އައްޔަން ކުރެއްވި ފަހުން އެ މައްސަލަ ރިވިއު ކުރަން އާޒިމާގެ ފަރާތުން ހުށަހެޅުއްވުމުން އެ ނިންމުން ބަދަލު ނުކުރަން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އާޒިމާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅިގެން ކަމަށް ވެފައި އެ މައްސަލައިގައި އެ މަނިކުފާނު ޖަލަށްލާން ހުކުމް ކޮށްފައި އޮތުމަކީ ގާނޫނާ ޚިލާފު ކަމެއް އާޒިމާގެ މައްސަލައިގައި ނެތްކަން ހާމަވާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ބުނެ އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވޭ ކަމަށާއި ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ. އެންމެންގެ މައްޗަށް އެއްފަހަރާ ދައުވާ ނުކުރުމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށާއި ދައުވާ އުފުލަމުން ދަނީ ތަހުގީގު ނިމެމުންދާ މިންވަރަކުން ކަމަށް ދައުލަތުން ބުންޏެވެ.
އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާގައި އާޒިމާ ކުރެއްވި އަމަލެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެސްކްރޯ އެކައުންޓު ހަދަން އޭސީސީ އަށް ލަފާ ދެއްވީ އޭނާ ކަމަށް ދައުލަތުން ބުންޏަސް، އޭނާއަކީ އޭސީސީއަށް ލަފާ ދެވޭނެ ބޭފުޅެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ. އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީގެ ބަޔާނުން އެކަން އެގޮތަށް ނުހިނގާ ކަން އެނގޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ މަނީ ލޯންޑްރިން އަށް އާޒިމާ މަގުފަހިކޮށް ދިން ގޮތް ދައުވާގައި ހިމަނާފައިވާނެ ކަމަށާއި އެ ދައުވާ ސާބިތުވާނެ މިންވަރުގެ ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ އިއްވައިފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު އޮތީ ހައި ކޯޓުގަ އެވެ.