ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ސިފައިންނަށް ޑޯނިއާ މަންތިންދާބޯޓެއް ހޯދަން އިންޑިއާއާ އެކު ކުރި މަޝްވަރާ އަށް ފަހު އިންޑިއާ އިން ދޭން އެއްބަސްވި ބޯޓު މިއަދު ރާއްޖެއާ ހަވާލުކޮށްފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މި މަތިންދާބޯޓް އޮޕަރޭޓްކުރާނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށާއި އެކަމަކު އެކަަމަކު އެއަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ އިންޑިއާ އިން ކަމަށެވެ.

މި ބޯޓަކީ ދެ ގައުމުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ގެނައި ބޯޓެއް ކަމަށާއި މީގެ ބޯޓެއް ރާއްޖޭގައި ސްޓޭޝަންކޮށްފައި ބާއްވަން ކުރީގެ ސަރުކާރުތަަކުން ވެސް އެދުނު ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އެތަނުން ބުނި ގޮތުގައި އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަވައިލެންސް އޮޕަރޭޝަންތައް ހިންގުމުގެ ބޭނުމަށް ރާއްޖެ އަށް ބޭނުންވާތީ ދިން އެއްޗެއް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އެމްއެންޑީއެފްގެ ކުލަތަކުން ޕެއިިންޓްކޮށް، އެމްއެމްއެންޑީއެފްގެ އެއާވިންގްގެ ނިޝާން ވެސް ޖަހައިގެން ރާއްޖެ ގެނައި މި ބޯޓު ދުއްވަން ދިވެހި ސިފައިން ތަމްރީނުކުރަމުން އަންނަ ކަމަށެވެ. އިންޑިއާ އިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި އަދިވެސް ތިބެނީ އިންޑިއާ ސިފައިންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓް
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓް

ހައި ކޮމިޝަނުން ބުނި ގޮތުގައި އެ މަތިންދާބޯޓް ހޯދަންް ރާއްޖޭން ފުރަތަމަ ވާހަކަ ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އަދި ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށާއި ޓެރަރިޒަމްގެ ހަރަކާތްތަކާ ދެކޮޅަށް ވެސް މި ބޯޓުގެ ބޭނުންކުރެވޭނެ އެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ރަނގަޅު، ފިކްސްޑް ވިންގް އެއާކްރާފްޓަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ރަށްތަކާއި ރިސޯޓްތަކަށް ހިމާޔަތް ދިނުމުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންވާ ވަސީލަތެއް ކަމަށް ވެސް ބުންޏެވެ.

އިންޑިއާ އިން މަތިންދާބޯޓެއް ހަދިޔާކޮށްފައި މި ވަނީ އިންޑިއާ އާއި ރާއްޖޭގެ އަސްކަރީ ގުޅުންތަކާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދުން އިތުރުވެފައިވާ ވަގުތެއްގަ އެވެ.