ރައީސް ޔާމީން ފެކްޝަނަށް ފުލުހުން "ހިމާޔަތް" ދިނީ ގާނޫނާ ހިލާފަށް: ވަކީލުން

ޕީޕީއެމްގެ މުދާތައް ބަޔަކު ގެންދިޔައިރު، ފުލުހުން ވަކި ފެކްޝަނެއް "ހިމާޔަތްކޮށް" ބަލަހައްޓައިގެން ތިބުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން އެ ޕާޓީގެ އޮފީހުގައި ބާއްވަން އުޅުނު އަހަރީ ހަފުލާ އަށް ފުލުހުން ހުރަސްއަޅައި އެ ސަރަހައްދުގެ ފޯރިމަރަމުން ދަނިކޮށް ހަމަ އެ ރޭ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ އެ އޮފީހުގައި ތަޅު އަޅުވައިފަ އެވެ. އަދި އެ ފެކްޝަނަށް ނިސްބަތްވާ ބަޔަކު އިއްޔެ ރޭ ވަނީ އެ އޮފީހުގައި ހުރި ލިޔެކިޔުންތަކާއި މުދާތައް ދަރުބާރުގެ އަށް ގެންގޮސްފަ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ކަމަކަށް، ކޯޓު އަމުރެއް ނެތި މީހެއްގެ ގެއެއްގެ ތެރެއަށް އެއްވެސް ބަޔަކަށް ނުވަދެވޭނެ އެވެ. ޕީޕީއެމް، ރަސްމީ އޮފީސް ހިންގާ އިމާރާތަކީ މީހެއްގެ ގޯތިގެދޮރަށްވާއިރު، ކޯޓު އަމުރަކާ ނުލައި ފުލުހުންނަކަށް ވެސް އެތަނަކަށް ނުވަދެވޭނެ އެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ. މިހާރު ފޮޓޯ/ ނިޝާން އަލީ

ވަކީލަކު ވިދާޅުވީ ޕީޕީއެމްގެ ބާރުތައް މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި އަމުރުގައި، އެ ޕާޓީގެ މުދާތައް، މުސްތަޝާރަށް ނަގައިދޭން އަމުރުކޮށްފައި ނުވަތަ މުދަލާ ގުޅޭ ވަކި އަމުރެއް ފުލުހުން ތަންފީޒުކޮށްދޭން އެދި ނެރެފައި ނުވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ، މީހެއްގެ އިމާރާތަކުން މުދާ ނެރެގެން ނުގެންދެވޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ކޯޓު އަމުރެއް ނެތި މީހެއްގެ ގެއަކަށް ފުލުހުންނަށް ވަދެވޭނެ ހަމައެކަނި ހާލަތަކީ ކުށެއް ހިނގަމުންދާ ވަގުތު، އެ ކުށް ހުއްޓުވަން ކަމަށެވެ. ގާނޫނުތަކުގައި އެހެން ލިޔެފައި އޮތްއިރު، ފުލުހުން ވެސް އެ ސަރަހައްދުގައި ތިއްބައި، އާއްމު މީހެއްގެ ގެއަށް ބައަކަށް ވަދެވުނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ކޯޓުގެ އަމުރެއް ނެތި ވަދެ މުދާތައް ނެރެގެން ގެންދާ ކަމަށް ވަންޏާ ފުލުހުންގެ މައްޗަށް ގާނޫނުތަކުން ލާޒިމްކުރޭ އެކަމެއް ހުއްޓުވަން. އެކަން ހިނގަމުން ދިޔައިރު މުދަލުގެ ވެރިފަރާތުން އެކަން ހުއްޓުވައިދޭން ވެސް ފުލުހުންނަށް ހުށަހެޅި ކަމަށްވޭ،" ހަސީން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެ ޕިކަޕަކަށް އަރުވާފައި. މިހާރު ފޮޓޯ/ ނިޝާން އަލީ

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލައެއްގައި ބަޔަކު އެ ވަނީ ގާނޫނު މުގުރައި، މީހެއްގެ ގޯތި ގެދޮރާއި މުދަލުގެ ހުރުމަތް ވެސް ކަނޑާލައިފަ އެވެ. އެކަން ހިނގައިދިޔަ ގޮތުން، ކަންބޮޑުވާން ޖެހޭ ކަމަކީ، ފުލުހުންގެ ޒިންމާއަދާނުކޮށް ތިބުން ކަމަށް ހަސީން ވިދާޅުވި އެވެ.

"ކުށުގެ އަމަލެއް ހިނގަމުން ދިޔަ ވަގުތު ފުލުހުން އަޅާނުލައި ތިބުމަކީ އެއްބާރުލުން ދިނުން ކަމަށް މާނަކުރެވިދާނެ،" ހަސީން ވިދާޅުވި އެވެ.

މިސާލެއް ޖައްސަވައި ވިދާޅުވީ ރާއްޖެ ޓީވީ އިމާރާތް ރޯކޮށްލައި މުދާތަކަށް ގެއްލުން ދިންއިރު އެ ސްޓޭޝަނުން އޮތީ ފުލުހުންގެ އެހީތެރިކަމަށް އެދިފައި ކަމަށެވެ.

ހަސީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މުދާ ގެންދިޔައިރު ފުލުހުން "ހިމޭނުން" ތިބުމުން ހާމަވީ، އެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރެވެ. އަދި މުއައްސަސާތަކުގެ މިނިވަންކަން ނެތް މިންވަރު ވެސް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުންގެ ކޮމެންޓެއް ނުލިބުނެވެ.

ޕީޕީއެމްގެ މުދާތައް ގެންދިޔަ ވަގުތު އެކަން ފުލުހުންނަށް މައުމޫން ފެކްޝަނުން ހުށަހެޅި އެވެ. އެ އޮފީހުން ގެންދިޔަ ތަކެތީގެ ތެރޭގައި އޮފީސް މުވައްޒަފުންގެ އަމިއްލަ ތަކެއްޗާއި ހެޔޮއެދޭ ފަރާތްތަކުން، ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އުޅުނު ހަފުލާ އަށް ހަދިޔާކޮށްފައިވާ ތަކެތި ހިމެނޭ ކަމަށް މައުމޫން ފެކްޝަނުން ވަނީ ބުނެފަ އެވެ.

އެ ފެކްޝަނުން ބުނިގޮތުގައި ޕީޕީއެމް އޮފީސް ހިންގާ އިމާރާތަށް ވަދެ ގެންގޮސްފައި ވަނީ އެ ޕާޓީގެ އާއްމު މެމްބަރުންގެ ހައްގުތަކެވެ.