އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ކުލާހަށް ވަނުމުގެ ކުރިން ޓެސްޓު ކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
25 އޮކްޓޯބަރ 2020 - 12:19
މާލެ ސަރަހައްދުގައި ގްރޭޑް 7 ގެ ދަރިވަރުންނަށް ހަތް މަސް ދުވަހަށް ފަހު މިއަދު ކިޔަވައިދޭން ފަށައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ގައި ސްކޫލުތައް ބަންދުކުރިތާ ތިން މަހަށް ފަހު ޖުލައި 1 ގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން ފެށިގެން މަތީގެ ކުދިންނަށެވެ. އެކަމަކު، އަނެއްކާ ވެސް ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން އޮގަސްޓް 9 ގައި ސްކޫލުތައް ބަންދުކުރި އެވެ. ދެ މަހަށް ފަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް ހުޅުވިޔަސް ފުރަތަމަ ކިޔަވައިދޭން ފެށީ ހަމަ ގްރޭޑު 9 އިން މައްޗަށެވެ.
އޭގެ ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަ އާއި މަޝްވަރާއާއެކު މިދިޔަ ހޯމަ ދުވަހު ގްރޭޑް 8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައި ވެ އެވެ.
ބައެއް ސްކޫލުތަކުން ބުނީ ދަރިވަރުންގެ ހާޒިރީ ވެސް ރަނގަޅު ކަމަށެވެ.
އެތައް މަހަކަށް ފަހު ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިއަސް، ގްރޭޑު 6 އިން ދަށުގެ ދަރިވަރުންނަށް މި އަހަރު ދެން ބާކީ އޮތް ދެ މަހު ސްކޫލުގައި ކިޔަވައިދޭން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުން އަލުން ސްކޫލްތަކަށް ނެރެ، ކިޔަވައިދޭނެ ވަގުތު ނެތް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އެ ކުދިންނަށް ހަމަ ގޭގައި ތިބެގެން މިހާރު ވެސް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް އެ ގެންދަނީ. އެ ގްރޭޑުތަކަށް މި އަހަރު ދެން ހަމަ އެގޮތަށް ދާނެ ކަމަށް މި ބެލެވެނީ،" މި މަހުގެ 17 ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހު އިމްތިހާންތައް ފަށަން ޖެހޭތީ އެހެން ގްރޭޑްތަކުގެ ކުދިން އަނެއްކާ ސްކޫލަށް ނެރެގެން ކިޔެވުން ކުރިއަށް ގެންދެވޭހާ ވަގުތެއް ނެތް ކަމަށެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑު 7-12 އަށް ކިޔަވައިދެމުން އައި ނަމަވެސް ޖުލައި 1 އިން ފެށިގެން ރަށްރަށުގެ ސްކޫލުތަކުގައި އަންނަނީ ހުރިހާ ގްރޭޑަކަށް ވެސް ކިޔަވައިދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy