ޕީޕީއެމް އޮތީ ނިދާފައި، ހަަރަކާތްތެރިވާން ފެށީ އަދި ކިރިޔާ: ހަލީލް

ވެރިކަންކުރާ ޕީޕީއެމް ހިންގެވުމާ އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޕާޓީ އޮތީ "ނިދާފައި" ކަމަށާއި އެ ޕާޓީ ހަރަކާތްތެރިވާން ފެށީ އަދިކިރިޔާ ކަމަށް އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީން ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ހަލީލް ވިދާޅުވީ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ރައީސް ޔާމީން ޕާޓީއާ ހަވާލުވެވަޑައިގަތުމާ އެކު ޕީޕީއެމާ ގުޅެން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ވެސް ޕާޓީގެ ހަރަކާތްތައް އިތުރުވެ ކުރިއަރަމުންދާ ކަން އެނގޭ ކަމެއް،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އޮނިގަނޑު މިހާރަށް ވުރެ ފުޅާކޮށް، އާއްމު މެމްބަރުންނާއި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ. ރައީސް ޔާމީން ތަރައްގީއާ ކުރައްވާ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި ހާލު ބެލުމަށް އަތޮޅުތަކެއް ދަތުރުތަކެއް ފަށަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާއެކު، ހަލީލް ވިދާޅުވި ގޮތުގައި މާލެ އަށް އަމާޒުކޮށް ވެސް ގިނަ ކަންކަން ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

ކައުންސިލް ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފެކްޝަން ނޫން އެހެން ބަޔަކަށް ޕީޕީއެމް ނަމުގައި އެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމްގައި ޕީޕީއެމަކީ ކޮބައިކަން ސާފުކޮށްދީފައިވާތީ، އިލެކްޝަންސް އިން ވެސް ބަލައިގަންނާނީ ރައީސް ޔާމީން ފެކްޝަނުން ހުށަހަޅާ ފޯމުތައް ކަމަށް ގަބޫލުކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދަން މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމުު ނަގައި، ކައުންސިލް އިންތިހާބުގެ ޓިކެޓަށް އެދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސްގެ ޒިންމާތައް ސިވިލް ކޯޓުން ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމާ އެކު ޕާޓީގެ ރަސްމީ އޮފީހުގައި ހުރި ލިޔެކިޔުންތައް ވެސް ޔާމީން ފެކްޝަނުން ވަނީ ގެންގޮސްފަ އެވެ. އެކަމަކު ޕާޓީގެ ރައީސް މައުމޫނާ އެކު ތިއްބެވި ބޭފުޅުންނާ އެކު އެމަނިކުފާނު ވެސް ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވައި ކަންކަން ނިންމަވަ އެވެ.