ސީއެޗްއެސްއީގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރަން ބިން ހަމަޖައްސައިދީފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 26،000 އަކަފޫޓުގެ ބިމާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސޮއިކުރައްވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު "މިހާރު" އަށް ވިދާޅުވީ މާލޭގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ހަމަ އެކަނި ސްކޫލު، ހުޅުމާލޭ ސްޓޭޑިއަމް ކައިރިން ހަމަޖައްސައިދިން ބިމުގައި އިމާރާތްކޮށް އެތަނުގައި ކިޔަވައިދޭން ފެށޭވަރު ވާނީ 2022 ވަނަ އަހަރު ކަމަށެވެ.
އާ ސްކޫލުގެ ކުރެހުން ވެސް ވަނީ ނިންމައިފަ އެވެ.
ސީއެޗްއެސްއީ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ނިންމިއިރު، އެ ތަނުގައި އަށް ބުރީގެ އިމާރާތެއް އަޅަން 33 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޑިއުކޭޝަން މިނިސްޓްރީން އޮކްޓޫބަރު 17، 2019 ގައި ހަވާލުކުރި އެވެ. އޭރު އާރުސީސީން ބައެއް މަސައްކަތްތައް ވެސް އޮތީ ފަށައިފަ އެވެ.
ރިޔާޒު ވިދާޅުވީ ސީއެޗްއެސްއީގެ އާ އިމާރާތް ވެސް ހަދާނީ އާރުސީސީން ކަމަށެވެ. އެކަމަށް އިތުރު ހަރަދެއް ނުދާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމެވެ. ނަމަވެސް އެ ގޮތަށް ކިޔަވައިދޭނެ ޖާގައެއް ސީއެޗްއެސްއީގަައެއް ނެތެވެ. ހުޅުމާލެ އަށް ބަދަލުކުރަން ނިންމި އެއް ސަބަބަކީ ވެސް އެއީ އެވެ.
މީގެ 41 އަހަރު ކުރިން ކިޔަވައިދޭން ފެށި ސީއެޗްއެސްއީގައި މިވަގުތު 21 ކްލާސްރޫމް އެބަހުއްޓެވެ.