ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި ޕްރީ ސްކޫލް، ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި އަންނަ ސެޕްޓެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ކާމިލް ދީދީގެ ނަން ދީފައިވާ ޕްރައިމަރީ ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށް ކިޔަވައިދޭނެ ކަމަށެވެ.
އެ ސްކޫލް ހުޅުވަން ނިންމާފައި ވަނީ، އަންނަ މަހު ފަށާ ދިރާސީ އާ އަހަރަށް ފަހު ޖެހިގެން އަންނަ މަހުގެ ހަތަރެއްގަ އެވެ. މިއީ، ދެ ވަނަ ފިޔަވަހީގައި ހުޅުވާ ފުރަތަމަ ސްކޫލެވެ.
މާލެ ސަރަހައްދުގައި ޕްރައިމަރީ ގްރޭޑުތަކަށް ހާއްސަކޮށްގެން މި ވަގުތު ކިޔަވައިދެމުން އަންނަނީ އިއްޒުއްދީން ސްކޫލުގަ އެވެ.
އާ ސްކޫލް ހުޅުވުމަށް މިނިސްޓްރީން ވަނީ ޕްރިންސިޕަލާ އެކު، 50 އަށްވުރެ ގިނަ ވަޒީފާތަކަށް އިއުލާންކޮށްފަ އެވެ.
ޕްރީ ސްކޫލް އިމާރާތްކުރުމުގެ އެއްބަސްވުމުގެ ސޮޔާއެކު އެ މަސައްކަތްތައް ފެށީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެ ތަން ހަދަން ހަވާލުކުރީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަސައްކަތް ހަވާލުކުރި އަގެއް ނޭނގުނަސް އެޗްޑީސީން މިދިޔަ ފެބްރުއަރީ 11 ގައި ކުރި އިއުލާނުގައި ބުނީ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ޕްރީ ސްކޫލް ޕްރޮޖެކްޓަށް 27 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ އެކު ސަރުކާރުން މިހާރު ވެސް ވަނީ އެ ސަރަހައްދުގައި ދެ ސްކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފަ އެވެ. އެ ތަނުން އެއް ސްކޫލް މި އަހަރު ހުޅުވާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.