ހުޅުމާލެ 1 ގައި ސްކޫލެއް އިމާރާތް ކުރުމަށް ވިލާގެ ކުންފުންޏަކާއެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ. އެޗްޑީސީން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އެޗްޑީސީން ބުނީ، ހަ ބުރި އަށް ހަދާ އެ އިމާރާތުން 761 ކުދިންނަށް ޖާގަ ދެވޭނެ ކަމަށެވެ. މި ސްކޫލުގައި 20 ކްލާސްރޫމު ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޯ ލެވެލާއި އޭ ލެވެލަށް ވެސް ކިޔަވައިދޭ ގޮތަށް ހަދާ 20 ކްލާސް ރޫމުގެ އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމު ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ރޮބޮޓިކް ލެބެއް ވެސް ގާއިމްކުރާނެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ސުކޫލާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް އާންމުންނަށް ލިބޭނެ އެވެ. އެޑްމިނިސްޓްރޭޓިވް އާއި އެކެޑެމިކް ދާއިރާ އިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިލާ އެޑިއުކޭޝަނަލް ސާވިސަސްގެ ދަށުން މިހާރު ވެސް މާލޭގައި ވިލާ ކޮލެޖަކާއި ވިލާ ހައި ސްކޫލެއް އަންނަނީ ހިންގަމުންނެވެ.
ހުޅުމާލޭގައި ގިނަ ސްކޫލުތަކެއް ހެދުމަށް މަސައްކަތް ކުރަމުން ދާއިރު، ހުޅުމާލެ 2 ގައި ސަރުކާރުގެ ފަސް ސްކޫލެއްގެ މަސައްކަތް ވަނީ ހަވާލު ކޮށްފަ އެވެ. އޭގެ ތެރެއިން ހުޅުމާލެ 2 ގެ ދެ ސްކޫލު އަންނަ ޖެނުއަރީއަށް ނިމޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.