މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ޝަރީއަތްތައް ލައިވްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ބައެއް މައްސަލަތައް ކުރިން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޝަރީއަތް މިމަހު ފެށޭނެ ކަމަށާއި އެ ޝަރީއަތްތަކުގެ ހާމަކަން ބޮޑު ކުރުމަށްޓަކައި އެ ޝަރީއަތްތައް ލައިވްކޮށް ދައްކަން ކްރިމިނަލް ކޯޓުގަައި މިއަދު އެދިފައިވާނެ ކަމަށެވެ. އަދި އެ ފުރުސަތު ކޯޓުން ފަހިކޮށްދޭން ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަމީމްގެ ޓްވީޓްގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދުނުއިރު، މިހާތަނަށް ކްރިމިނަލް ކޯޓުން ލައިވްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތަކުގެ ޝަރީއަތް އެކަންޏެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކޯޓަށް މިހާރު ހުށަހަޅާފައި ވަނީ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އެވެ. އެއީ ރިޝްވަތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ.