އިމާދުއްދީން ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް މިއަދު ހުޅުވައިފި އެވެ. މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ލައިބްރަރީ އެވެ.
އެ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ހުސް ޖާގައިގައި ހެދި ލައިބްރަރީ ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
ލައިބްރަރީ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އިމާދުއްދީން ސްކޫލަށް މިހާރު ގެނެސްފައިވަނީ ދަރިވަރުން ކިޔަވާ ހިތްވާ ކަހަލަ ބަދަލުތަކެއް ކަމަށެވެ. އެކަމާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިގޮތަށް ލައިބްރަރީ ހެދުމަކީ އެދިވަޑައިގަތުމެއް ކަމަށެވެ.
ފޮތަކީ ހިޔާލީ ދުނިޔެއަކަށް ދެވޭނެ ވަސީލަތެއް ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ސިކުނޑި ހުޅުވެ ދުނިޔެއަށް ލޯ ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމާދުއްދީން ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ ލައިބްރަރީ ހެދީ ޕީޓީއޭ އަދި ސްކޫލު މެނޭޖްމަންޓް ގުޅިގެން ކަމަށެވެ. ކްލާސްތައް ނެގުމަށް ވެސް އެތަން ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.
ހުރިހާ އުމުރަކާ ވެސް ގުޅޭ ތަފާތު އެތައް ވައްތަރެއްގެ ފޮތް ހިމެނޭ ލައިބްރަރީ އެއްފަހަރާ 32 ކުދިންނަށް ބޭނުންކުރެވޭނެ އެވެ. ފޮތްތައް ބަހައްޓާފައި ވަނީ ކަބަޑުގަ އެވެ. ދަރިވަރުންނަށް އިށީންނަން ޖޯއްޔާއި ބެންޗު ބަހައްޓާފައި ވެސް ހުއްޓެވެ.