ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމްކުރަން އުޅޭ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން ޕީއެސްއެމްގެ ހިދުމަތް ދޭން ފަށަން އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެޗްޑީސީން ބުނީ ޕީއެސްއެމުން އޯޕަން އެކްސެސް ނެޓްވޯޓް ބޭނުންކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޚާލިދެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އޯޕަން އެކްސެސް ނެޓްވޯކުން ކޮށްދޭ ކަމަކީ އެ ނެޓްވޯކް މެދުވެރިކޮށް އެތަނުގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ ޓެލެކޮމް ހިދުމަތްތައް ގުޅައިލަދިނުމެވެ. އެގޮތަށް ނެޓްވޯކް އެޅުމުން ކޮންމެ ގޭބިސީއަކަށް ވަކިންވަކިން ކޭބަލް އެޅުމުގެ ބަދަލުގައި ހިދުމަތްތައް ގުޅާލާނީ އެ ނެޓްވޯކާ އެވެ.
ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އެ ނެޓްވޯކްގެ ހިދުމަތަކީ އެޗްޑީސީން އެކަމަށް އިތުރު އަގެއް ނުނަގައި ދިނުމަށް ޓަކައި އަޅާފައިވާ ނެޓްވޯކެކެވެ. އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ ހުޅުމާލެ "ސްމާޓް ސިޓީ"އަކަށް ހަދަން ކުރަމުން އަންނަ މަސައްކަތުގެ ބިންގާ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެ ނެޓްވޯކްގެ ސަބަބުން ބޮޑެތި ފަސޭހަތައް ވެގެންދާނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެގޮތަށް ނެޓްވޯކް އަޅާފައި އޮތުމުން މަގުތައް އިތުރަށް ކޮންނަން ނުޖެހި، މަގުތަަކަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ އެވެ.
"ނަތީޖާއެއްގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކަށް ލިބޭ ގެއްލުން ކުޑަވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މުވާސަލާތީ ހިދުމަތްތައް މިހާރަށް ވުރެ ލުއިފަސޭހަކަމާ އެކު ލިިބިގެންދާނެކަން އުފަލާ އެކު މި ކޯޕަރޭޝަނުން ފާހަގަ ކުރަމެވެ،" އޯޕަން އެކްސްސެސް ނެޓްވޯކާ ބެހޭ ގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ޚިދުމަތުގެ ސަބަބުން ސަލަމާތާއި ރައްކާތެރިކަން އަަދި ސިއްހަތާއި ތައުލީމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.