ހަތަރު ކްލަސްްޓާއަކާ އެކު ކޮވިޑް ކޭސްތައް އިތުރުވެއްޖެ

ކޮވިޑް-19ގެ މައިގަނޑު ހަތަރު ކްލަސްޓާ އަކާ އެކު މިއަދު ކޭސްތައް އިތުރުވެއްޖެ އެވެ.


މިދިޔަ 24 ގަޑި އިރުގެ ތެރޭގައި 68 މީހަކު އެ ބައްޔަށް އަލަށް ޕޮޒިޓިވްވި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޭސްތައް މިއަދު އިތުރުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްފަޅު ހުރާގައި އުފެދިފައިވާ ކްލަސްޓާގެ 15 މީހުންނާއި މާލެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓަކާއި އެމްއޭސީއެލްގެ ކާގޯ ބައިގައި އުފެދުނު ކްލަސްޓާގެ މީހުން ވެސް ހިމެނޭތީ ކަމަށެވެ.

މީގެ ތެރެއިން ރަށްފަޅުހުރާގެ ކްލަސްޓާއިން ޖުމްލަ 53 މީހަކަށް ކޮވިޑް ޖެހިފައި ކަމަށާއި އެހެންވެ އެޗްއީއޯސީގެ ޓީމެއް އިއްޔެ އެ ރަށަށް ގޮސްފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އެ ކްލަސްޓާގައި ހިމެނޭ ހަތަރު ރަށުން ކޮންޓެކްޓުންނާ އެކު ޖުމްލަ 134 މީހަކު މިހާތަނަށް ކަަރަންޓީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ކާގޯ ކްލަސްޓާ އިން މިހާތަަނަށް ކޮވިޑް ޖެހުނީ، ނަޒްލާ ވިދާޅުވިގޮތުގައި، 57 މީހެކެވެ. އެ ކްލަސްޓާއިން 76 ކްލޯޒް ކޮންޓެކްޓުން ވެސް ވަނީ ފެނިފަ އެވެ. ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން ކަރަންޓީންކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަަދިވެސް ދަނީ ކުރިއަށެވެ.

"މަސައްްކަތްކުރާ ސަރަހައްދުގެ ގޮތުން މި ތަނުގައި އެމްއޭސީއެލްގެ ސްޓާފުންގެ އިތުރުން އެތަނަށް އަންނަ ވަރަށް ގިނަ އިތުރު ބަޔަކާ ވެސް ބައްދަލުވާ ސަރަަހައްދެއްކަމުން އިތުރު މުއައްސަސާތަކާއި އެހެނިހެން ޕްރައިވެޓް ކޮމްޕެނީ ތަކާއި ތަންތަނުގެ މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތްތައް ކުރިއަށް އެބަދޭ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެތަނުގެ ހާލަތު ބަލަން ވެސް އެޗްއީއޯސީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު ދިޔަ އެވެ. އެގޮތުން ދިޔަ ޓީމުން އެތަނުގެ ހާލަތު ބަލައި، ރަނގަޅުކުރަންވީ ކަންތައްތައް ކިޔައިދިނެވެ. ނަޒްލާ ވިދާޅުވީ އެމްއޭސީއެލް އާއި އެޗްއީއޯސީ ގުޅިގެން އެތަނުގެ ހާލަތު ރަނގަޅުކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ އޮގަސްޓް މަހު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު ކޭސްތައް މަދުވާން ފެށީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެ ބަލިން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް އެހެންވެ ލުއިދިނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 12،452 އެކެވެ. އެ ބަލީގައި މަރުވިމީހުންގެ އަދަދަކީ 45 އެވެ.