ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފަށް، ކޮވިޑް-19 ރައްކާތެރިވުމުގެ ފިޔަވަޅުތައް ނާޅައި ޓެކްސީގެ ހިދުމަތްދޭތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއީއޯސީގެ މީޑީއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަން މި ދުވަސްވަރު އަމާޒުކޮށްފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތް ދޭ ބަހާއި ފެރީގެ އިތުރުން ޓެކްސީތަކަށް ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުން، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުނުކުރާކަން ފާހަގަކުރެވުނު ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
"ހާއްސަކޮށް ޓެކްސީތަކުގައި ގައިޑްލައިންގައި އޮންނަ ގޮތުން ޕަސެންޖަރު ސީޓާއި ޑްރައިވަރު ސީޓާ ދެމެދުގައި ޕާޓިޝަނެއް އެބަޖެހޭ ހުންނަން. ޕަސެންޖަރުން ތިބެން ޖެހޭނީ ފަހަތުގައި، ކުރީގައި ތިބެގެން ނުވާނެ،" ނަޒްލާ ވިދާޅުވި އެވެ.
ނަމަވެސް އިންސްޕެކްޝަނުން ފާހަގަކުރެވުނީ އެގޮތާ ހިލާފަށް އެއްވެސް ޕާޓިޝަނެއް ނުޖަހާ ޓެކްސީ ކުރާ މަންޒަރު ކަމަށް ނަޒްލާ ވިދާޅުވި އެވެ. މީގެ ކުރިން ޕާޓިޝަން ޖަހައިގެން ޓެކްސީ ކުރި މީހުން ވެސް މިހާރު ވަނީ ޕާޓިޝަން ނައްޓާލާފައ ކަމަށާއި އެގޮތަށް އަމަލުކުރަން ފެށީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން ކަމަށް ޓެކްސީ ޑްރައިވަރުން ބުނި ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އެކަމަކު ވެސް އަޅުގަނޑުމެން ފާހަގަކޮށްލަން ގައިޑްލައިނަކަށް ބަދަލެއް ނާދޭ، ގައިޑްލައިންގަ ހުންނަ ކަންތައްތަކަކީ ބަލި އިތުރުވުން ނުވަތަ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ހުންނަ ކަންތައްތައް،" ނަޒްލާ ވިދާޅުވި އެވެ.
ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރާ ނަމަ ބަލި އިތުރަށް ފެތުރުން އެކަށީގެންވާ ކަމަށާއި އެހެންވެ ޓެކްސީ ޑްރައިވަރުން ވެސް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން ނަޒްލާ އެދިވަޑައިގަތެވެ.
މި އިންސްޕެކްޝަންގެ ތެރެއިން ކުރަމުން އަންނަ އިތުރު ކަންތައްތަކުގައި ހޯމް ކަރަންޓީނުގައި ތިބެން ޖެހޭ މީހުން ގޭގައި ތިބޭތޯ ބަލަން ރެންޑަމްކޮށް ޗެކްކުރަން ފަށާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 12،608 މީހުންނެވެ. އޭގެ ތެރެއިން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 963 މީހުންނެވެ. މި ބަލި ޖެހިގެން މި މަހު އަށް މީހަކު މިހާތަނަށް މަރުވެ، ބަލީގައި މަރުވި ޖުމްލަ އަަދަދު 46 އަށް ވަނީ އަރައިފަ އެވެ.