މާލޭގެ ގެއެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަލޮޅުގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން 11:57 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެއީ ގުދުރަތީ މަރެއް ކަމެއް ނުވަތަ މަރުވެފައިވާ މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް 19 އަހަރުގެ ދިވެއްސެއްގެ ހަށިގަނޑު ގެންގޮސްފައިވާ ކަމަށެވެ.
މަރުވެފައި އޮތް ފިރިހެނަކު މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ވެސް މިއަދު ފެނިފައި ވެ އެވެ. މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ 58 އަހަރުގެ މީހެކެވެ.