ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލާގައި ހަތް ދައުވާއެއް ކުރަން ދާދިފަހުން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވަނީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާތީ އެކަމާ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގދ. ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ ކަމަށާއި އެފަދަ ކިތަންމެ ބަޔަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށް ވެސް ނަޝީދުގެ މެސެޖްގައިވެ އެވެ.
މީގެ އިތުރަށް ނަޝީދުގެ މެސެޖްގައި ވަނީ އަލީ ވަހީދުގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި އެކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވެސް ނަޝީދުގެ މެސެޖްގައިވެ އެވެ.
"އަޅުގަނޑު އަލީ ވަހީދުގެ ބަޔާންތައް ބަލައިފިން. އަޅުގަނޑު މި ހުންނަނީ އަޖައިބުވެފައި،" ނަޝީދުގެ މެސެޖްގައިވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.
އަލީ ވަހީދު ކުރިން ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެއީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.