ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިންމާ ލަސް ކުރުމަކީ އެމަނިކުފާނަށް އިންސާފު ނުލިބޭނެ ކަމުގެ ހެއްކެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ޔާމީން ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލުމަށް ފަހު އެތައް މަހެއް ފާއިތުވިއިރު ވެސް ހުކުމް އިއްވުން ލަސް ކުރުމަކީ އެމަނިކުފާނާ މެދު އަދުލުވެރި ނުވާނެ ކަމުގެ ހެއްކެއް ކަމަށެވެ. އިންސާފު ފަސް ކުރުމަކީ އިންސާފު ނަގާލުން ކަމަށާއި އަދި އިސްތިއުނާފް މައްސަލަ ނުނިންމައި، އިތުރު ހުކުމެއް ކުރަން އުޅުމަކީ އަނިޔާއެއް ކަމަށް ވެސް އާދަމް ޝަރީފްގެ ޓްވީޓްގައިވެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރަން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އެ ދުވަހު އިއުލާން ކުރެއްވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.