ޚަބަރު / އަބްދުﷲ ޒިޔަތު

ޚިޔާނާތުގެ 32 ދައުވާއަށް ޒިޔަތު އެއްބަސްވެއްޖެ، އަދަބަކަށް 11 އަހަރުގެ ޖަލު ހުކުމް

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިިން ޑިރެކްޓަރު ޒިޔަތު: އޭނާގެ މައްޗަށް ކުރާ ޚިޔާނާތުގެ 32 ދައުވާއަށް އޭނާ ވަނީ އެއްބަސްވެފައި -- ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ޚިޔާނާތުގެ 32 ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާއަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައެއް ނުވެ އެވެ. އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ޚަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވި އެވެ. ޒިޔަތު ވިދާޅުވީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި އެކަމަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެހެންވެ، އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ދައުލަތުން އެދުނީ އެ ދައުވާތަކެއްގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެ އެވެ. އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމަށެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެ އެވެ. އެއީ އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީ އެވެ.

މީގެ އިތުރުން އެ ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދަބާ ބެހޭގޮތުން ޒިޔަތުގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި އަންނަ ހަފުތާގައި އާދިއްތަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާތަކުގެ އިތުރުން ޚިޔާނާތުގެ އެހެން ދައުވާއެއް 2016 ވަނަ އަހަރު ޒިޔަތުގެ މައްޗަށް ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ ގެންދަނީ މިހާރު ވެސް ތަންފީޒު ކުރަމުންނެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަދީބު ވެސް ވަނީ ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ދައުވާތަކަށް އެއްބަސްވެފަ އެވެ. އަދީބުގެ މައްޗަށް ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.

13 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިސްރާ

01 December 2020

ކުޑަހުވަދޫގެ 15 މަސްވެރިން އަދިވެސް ހަމަ ޖަލުގައި.. ކުށަކީ ޒަރޫރީ ބޭނުމަށް އެމީހުން މާލެފޭބުން އެއްޗެއް ގަނެލަން ވަގުތު ކޮޅަކަަށް.. އެންމެންވެސަ ފައިބާ.. ކުއްވެރިވީ ވަކި ބަޔަކު... މިކަމާ ވާހަކަ ދައްކާލާނޭމީީހަކު ނެތް.. ނަތީޖާތަށްވެސް ނެގެޓިވް.. އަދިވެސް ޖަލުގައި... މުޅި ދައުލަތް ދަވާލީމާ ވެސް އެނެމް 11 އަހަރު.. ކިހާރީތި.. އެވެސް އަދި ގޭގައި ހުރެގެން.. އެމްޑީޕީ ތިޔޮތީ ހޮވިފަ... ކޮބާ އިންސާފު ؟؟

The name is already taken The name is available. Register?

މުހައްމަދު25

01 December 2020

އިންސާފަކީ ވަކިބަޔަކައް ވަކި ގޮތަކައްލިބޭއެއްޗެއް ،ނިކަމެތި މީހާ ނިކަމެތިވާގޮތައް މިތަނުގެ ލިބޭގޮތައް އޮންނަނީ... މި ސަރުކާރަކީ މުޅިންވެސް ރައްޔިތުންނައް އޮޅުވާލާ ސަރުކާރެއް..ފަސާދަކުރަން މޮޅުބަޔެއް މިއީ..

The name is already taken The name is available. Register?

ސޯސޭޑް

01 December 2020

ދެން ބުނާނެ މީނަ މިހާރު ޖަލުގަ ހޭދަ ކޮށްފަ އޮތް ވަގުތު ކަނޑާފައޭ 11 އަހަރު ގުނޭނީ. އެހެންވީމަ ޒިޔަތު ޖަލުގަ ހުންނަންޖެހޭނީ މުޅިއަކު ދޮޅު އަހަރު. ދެން ފެންނާނީ ރައްޔިތުންގެ މިލިޔަން ރުފިޔާތަކުން ގައްޑާވެލާފަ ކާރާ ގޯތިތައް ގަނެލައިގެން އުޅޭތަން. ބޮޑ ބލއއ މީ.

The name is already taken The name is available. Register?

މޫސަ123

01 December 2020

އަޅުގަޑުމެންގެ ސަރުކާރެއްގާ އިންސާފާ ހަމަހަމަކަން އެންމެނަށް ލިބޭނެ ރައީސްޔާމީނު ޖަލުގަ ބާއްވަނީ ވެރިކަން ވެއްޓިދާނެތީތޯ ޖުޑީސަރީ އިސްލާހުކުރަން ވައުދުވެގެ އައިސް ޕާޓީގެ ޖަގަހަޔަކަށް ހެދިއްޖެ ބޭނުން ފަޑިޔާރަކު ވަކިކޮށް އައްޔަން ކުރަނީ ރަތްޔިތުން ސްޕަރމެޖޯރިޓީ ދިނީމަ އޭގެ ނާޖާއިޒު ފައިދާ ނަގައި ގައުމު ނުދެކޭފަދަ ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުން ވަރަށް ހިތިވާނެ. ތިމާމެނަށްވުރެ ބާރުގަދަ ފަރާތެއް ވާކަން ހަދާންކުރާތި.

The name is already taken The name is available. Register?

ެެެެެެްއަންކޮ

01 December 2020

ސޮރީ ބުނީމަ އެނިމުނީ

The name is already taken The name is available. Register?

1828

01 December 2020

ކީއްވެހޭ ބައެއް ކޮމެން

The name is already taken The name is available. Register?

ފަިހަމަ

01 December 2020

11 އަހަރު ފަހުން ސަލާމަތް ވާނެ ޔާމީނަށް ދެން ވެެިކަމާ ވައި ނޭޅެވޭނެ ވައްކަން ކޮށް އަނިޔާ ވެރިވުމުން އަނިޔާވެރޮޔާއާއާ ދުރަށް ރައްޔިތުން

The name is already taken The name is available. Register?

ދިއްދޫމީހާ

01 December 2020

މާތްކަލާކޯ، 781މިލިޔަން ރުފިޔާ ދައުލަތުން ނެގި މީހާއަ 11އަހަރުގެ ޖަލު ހުކުމް، ރުޅި އައިސްގެން ދަތް ކޮޅު ފައިބާ މިކަހަލަ ހަބަރުތައް ފެނުނީމަ،،،

The name is already taken The name is available. Register?

ސަންޕަދަރި

01 December 2020

މަވެސް ތިބާވަތުގެ ވައްކަން ކުރާހިއްވޭ 700 މިލިއަން ރުފިޔާ ލިބިފަ 11 އަހަރު ކީއްކުރަން 21 އަހަރުގެ ޖަލުހުކުމްވެސް އޯކޭ މަށައް, ސަރުކާރޫ މަށަށް ތީގެ ކަމަކަށް މަގުފަހިކޮށްދީބަލަ. މިސަރުކާރުގެ ސަރީއަތައްވުރެ ގާރޫނުގެ ޝަރީއަތްވެސް މާރަނގަޅު. ސަދޫމުގަވެސް މިޒާތަކަށް ޝަރީއަތެއް ނުކުރޭ. އެމްޑީޕީ އަށް ސަލާމް.

The name is already taken The name is available. Register?

މޮހއްމާ

30 November 2020

ވަރަށް ރަގަޅު ހުކުމެއް ތިލިބުނީ. އެއްމެ 11 އަހަރު. ކޮބާ އަމިއްލަ ޖީބަށް ލިފައިސާ އާއި މެލޭޝިޔާއިން ގަތްފްލެޓާއި މާލޭ ގައި ބައި އެޅޭގޮތަށް ހިންގާ ވިޔަފާރިތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!