ޔާމީން ކުރީގެ އަޑުއެހުމަކަށް މާލެ ވަޑައިގެން ވެހިކަލަށް އަރުއްވަނީ: އާ ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންނަށް އިތުރު ފުރުސަތެއް ވަނީ ދީފައި --- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2020 - 17:07
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރާ ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މަނީ ލޯންޑްރިންގެ އެހެން ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. އެ މައްސަލައާ ގުޅިގެން ޖަލުގައި ވަކީލުންނާ ބައްދަލު ކުރައްވަން ފުރުސަތު ލިބިވަޑައިނުގަންނަވާތީ އާއި ލިޔުންތައް ފުރިހަމައަށް ލިބިވަޑައިގެންފައި ނުވާތީ މައްސަލަ އަށް ތައްޔާރުވާން ކުރިން އޮތީ ފުރުސަތު ދީފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ޔާމީންގެ ވަކީލުން ވިދާޅުވީ މުހިންމު ގިނަ ލިޔުންތަކެއް އަދިވެސް ލިބިފައިނުވާ ކަމަށާއި އެއީ ޖަވާބުދާރީވުމަށްޓަކައި މުހިންމު ލިޔުންތަކެއް ކަމަށެވެ. ދައުލަތުން ވަކީލުންނަށް ދޫކުރީ ދައުލަތުންް ބޭނުންވާ ލިޔުންތަކެއް އެކަނި ކަމަށް ވެސް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ހޯދަން އެދުނު ބައެއް ލިޔުންތަކަކީ ދިފާއީ ވަކީލުންނަށް މުހިންމު ނުވާނެ ލިޔުންތަކެއް ކަމަށް ބުނެ ދައުލަތުން އެ ލިޔުންތައް ދީފައިނުވާ ކަމަށެވެ. އެކަމަކު ދިފާއީ ވަކީލުންނަށް މުހިންމު ވާނީ ކޮޮން ލިޔުންތަކެއް ކަން ދައުލަތަށް އަމިއްލަ އަށް ނުނިންމޭނެ ކަމަށާއި އަދި 1،000 ސޮފްހާގެ ލިޔުންތަކުގެ ޑިޖިިޓަލް ކޮޕީ އާއި 20 ގަޑިއިރުގެ ވީޑިއޯ ފުޓޭޖްތައް ހުރިއިރު، ޑިޖިިޓަލް ކޮޕީ ހުރި ސީޑީ ނުހުޅުވޭ ކަމަށާއި އަދި އެ ތަކެތި ބެލުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ޔާމީންގެ ވަކީލުން އެދިވަޑައިގަތް ގިނަ ލިޔުންތައް ދީފައިވާނެ ކަމަށާއި ނުދީ ހުރި ލިޔުންތަކަކީ ސިއްރު ކުރަން ކޯޓުގަައި އެދިފައި ހުރި ބައެއް ލިޔުންތަކާއި އިދާރީ ބައެއް ލިޔުންތައް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެ ލިޔުންތައް ދޫނުކުރި ސަބަބު ވެސް އަންގާފައިވާނެ ކަމަށާއި ދެން ހުރި ބައެއް ލިޔުންތަކަކީ ދައުލަތަށް ލިބިފައިވާ ލިޔުންތަކެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެކަމަކު 1،000 ސޮފްހާގެ ލިޔުންތަކުގެ ޑިޖިޓަލް ކޮޕީގެ އާ ސީޑީއެއް ފޯރުކޮށްދޭން ދައުލަތުން އެއްބަސްވި އެވެ.
އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތަށް ލިބިފައި ނެތް އަދި ކޯޓަށް ވެސް ހުށަހަޅާފައި ނުވާ ލިޔުންތަކަކީ އެ މައްސަލައިގެ ބޭނުމަށް ނެތް ލިޔުންތަކެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ. އެކަމަކު މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ލިޔުންތައް ހޯދަން ދައުލަތުގެ އެހެން އިދާރާތަކުގައި އެދެވިދާނެ ކަމަށް އިސް ގާޒީ ޝަކީިލް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީންގެ މައްޗަށް ކުރިން އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ވެސް މުހިންމު ލިޔުމެއް ހޯދަން ދައުލަތުގެ އިދާރާތަކުގައި އެދުނަސް، އަދިވެސް އެ ލިޔުން ލިބިފައިނުވާ ކަމަށެވެ. އެހެންވެ، މިހާރު ނުލިބި ހުރި ލިޔުންތައް ކޯޓު އަމުރެއްގެ ދަށުން ވިޔަސް ހޯދައިދިނުމަށާއި އަދި އެ ލިޔުންތައް ދިރާސާ ކުރަން 15 ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތެވެ.
ދައުލަތުން ބުނީ ޔާމީނަކީ ޖަލުގައި ކަރެކްޝަނަލް ސާވިސްގެ ސްޕެޝަލް ޕްރޮޓެކްޝަން ޚިދުމަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ބޭނުން ވަގުތަކު ވަކީލު ބައްދަލުވުންތަކަށް އެދިވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ޖަލުގައި ވީޑީއޯ އާއި ޑިޖިޓަލް ކޮޕީތައް ބެލޭނެ އިންތިޒާމްތައް ވެެސް އެމަނިކުފާނަށް ހަމަޖައްސައިދީފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލު ވިދާޅުވީ ވަކީލު ބައްދަލުވުމަކަށް ވަކީލުން އެދިވަޑައިގަތުމުން ވެސް ކަރެކްޝަންސް އިން ބައެއް ފަހަރު ޖަވާބު ދެނީ ވަރަށް ލަހުން ކަމަށާއި އެހެންވެ، ދަތުރުފަތުރުގެ ކަންކަން ހަމަނުޖެހިގެން ބައެއް ފަހަރު ވަކީލުންނަށް ބައްދަލު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި ވަކީލުން ހޯދަން އެދުނު ލިޔުންތައް ލިބުމަށް ފަހު އެ ލިޔުންތައް ބަލައި، ދިރާސާ ކުރަން ވަގުތު ދޭން އެމަނިކުފާނު އެދިވަޑައިގަތެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަވާނީ އެކަށީގެންވާ ފުރުސަތު ދީގެން ކަމަށާއި އެހެންވެ، އެ ލިޔުންތައް ދިރާސާ ކުރަން އިތުރު 15 ދުވަހުގެ ފުރުސަތެއް ދޭނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އެކަމަކު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ޖަލުގައި ވަކީލު ބައްދަލުވުންތައް ބާއްވަން އެކަށީގެންވާ ފުރުސަތު ނުލިބޭ ނަމަ، އެކަން ޔާމީންގެ ވަކީލުން ކޯޓަށް އަންގަވަން އިސް ގާޒީ އެންގެވި އެވެ.
އިސް ގާޒީ ވިދާޅުވީ އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ ޖެނުއަރީ މަހު ކަމަށެވެ.
މަނީި ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންޑާރަ
07 December 2020
ދިވެހި ތާރީޚުގައި ވެރިއަކަށް ހުރި މީހަކު ފާޅުކަން ބޮޑުކޮށް ގައުމު ލޫޓުވާލި ހަމަ އެކަނި ވެރިއަކީ ޔާމީން. އަދި ޔާމިން އެ ދަސްކޮށް ދިނީ، ވަރަށް ނުބައި ކަމެއްގެ ފެށުން. ޔާމީނަށް ހައްގު އަދަބު ދެވެން ޖެހޭނެ. ވައްކަމުގެ އަވާގައި ދެންއަންނަ ސަރުކާރުތަކުންވެސް ޖެހި، ގައުމުގައި ވައްކަން އާންމު ކުރުވުމަށް ޔާމިން އެޅި ބިންގާގެ އަސަރު ފެންނަމުން އެބަދޭ. ވަރަށް ދެރަކަމެއް، ޔާމީނަށް އަދަބު ދީ އެއްމެ ހަރުކަށި އަދަބު.
ބައިރޯ
07 December 2020
ނަޝީދުގެ ޝަރިއަށް ކުރި އިރު ތިހާސަރު ނުދަމާ ޕަޓާސް ބަރިއެއް ހެން ދިޔައީ
އަލިމާ
07 December 2020
ހެހެހެ ހަމަ ހެވެނީ. އިންސާފުވެރިކަމުން. ސަރުކާރަކުން އަތެއް ނުބާނެ. ސިޔާސީ ކަމެއް ނޫން ތީ. ހެހެހެ. ކުރިއަށް ވުރެ ސިސްޓަމެޓިކް އަނިޔާމީ.
މުރާސިލް
07 December 2020
މިސަރުކާރު ގޮތް ހުސްވެ ނިމިއްޖެއެވެ
ރަށުތެރެ
06 December 2020
ރައިސް ޔާމިންގެ ވެރިކަން ވަރައް ބަރާބަރު. ފަހުގެ ތާރީހެއްގަ ރައިސްސަކު ޤައުމައް ގެނެސްދިން ޒަމާނީ ތަރައްގީ ފެންނަން އެބަހުރި.
އަލީ ރަސްގެފާން
06 December 2020
އެމްޑީޕީޔަ ތާއީދު ކުރުން ނިމުނީ. ވަސްސަލަމް
މުހައްމާ
07 December 2020
ނޫނޭ ކުރަންވާނެ. ރަނގަޅުވީމާތާ ގެނައީ
އެމެރިކާ
06 December 2020
ސިޔާސީ ދައުވާ. ސިޔާސީ ދައުވާ ކުރުން ހުއްޓާލަން ވެއްޖެ މީހާރު.
ނާސިރު ބޭނުމީ މިނިވަންކަން.
06 December 2020
ދިވެހި ރާއްޖޭގެ ބިން ބޭރު މީހުންނަ ވަޒަން ވެރި ކުރުވަން އޫޅޭ ސަރުކާއެއް މީ.
ކުޑޭ
06 December 2020
ޔާމީނުގެ ވަކީލުންވެސް ބޭނުންވަނީ އެކި އުޒުރު ދައްކައިގެން ޔާމީނު ގިނަދުވަހު ޖަލުގައި ބާއްވަން، ޔާމީނުގެ ވަކީލުންގެ ޓީމު ބަދލުކުރުމަށް ގޮވާލަން
ޙަބީބު
06 December 2020
ކިހާރީތި ދައުލަތުގެ ވާހަކަ ސަފާރީކޭސްގަ އި މުރާނު ދެއްކިކަހަލަ މޮޅުވާހަކަ ހަ މަދައްކަނީ