ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ.--
22 ޑިސެމްބަރ 2020 - 13:29
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ސުއޫދާ އަބްދުﷲ އެމްޕީއެލްގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.
އޭނާއަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު، އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން އެކަމާ ދެކޮޅަށް ބޭއްވި ހަރަކާތްތަކުން ގިނަ ބަޔަކަށް ފެނުނު މޫނެކެވެ. އޭނާ އޭރު މަޝްހޫރުވީ އެއްވުމެއްގައި "އީސީ ޝަރީފޫ" އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ފާޑުކިޔައިގެންނެވެ.
އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭ އެކި މީމްތަކާއި ޕޯސްޓުތައް ދައުރުވެގެންދިޔަ އެވެ.
މީގެ ދެ އަހަރުކުރިން ބޭއްވި އިންތިޚާބު އޮޅުވާލިކަމުގެ ޝަކުވާއާއެކު ޝަރީފަށް ޕީޕީއެމަށް ތާއިދުކުރާ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ޝަރީފް ވަނީ އެ ވާހަކަ "އެ މަންޖެ ކައިރީގައި ބުނެލައްޗޭ" ވިދާޅުވެ ސުއޫދާ އަށް ޖަވާބު ވެސް ދެއްވައިފަ އެވެ.
ސުއޫދާ އަށް އެމްޕީއެލް އިން ފޮނުވި ޗިޓުގައި ބުނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.
އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
24 December 2020
ތިގޮތް ކަމަކުނުދޭ އެމީހަކު ބޭނުންޕާޓީއަކަށް ސަޕޯޓްކޮށް ކަމުނުދާކަންކަމަށް އަޑުއުފުލާ ހެދެންޖެހޭނެ
ހޯރަބެ
23 December 2020
މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ ވަރަށް ދެރަކަމެއް. މީހަކު ފާޅުކުރާ ޚިޔާލަކަށް މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ އެމް.ޑީ.ޕީ ގެ ފިކުރާ ފުށު އަރާ ކަމެއް މިކަން ވަގުތުން ހުއްޓާ ލަންޖެހޭ. މި ހާރު ހުރިހާ ތަނެއްގަ މިކަން އެބަ ހިގާ. ޓްރާންސްޕޯޓްގަ ވެސް ތިބެންވީ ޖޭ.ޕީ މީހުންނާއި އެމް.އާރު މީހުން. މީ ދެން ކޮންފަދަ ދެރަ ކަމެއް. ކޮބައިތަ މިކަންކަން ބަލަން ތިބި މުއައްސަސާތައް. އެވެސް ނިދިފަ ބާ؟
ބާން
23 December 2020
ސިޔާސީވެގެން މީހުން ވަޒީފާއިން ކެނޑުން ޑިމޮކްރަސީއިން މިސާލުބަލާ ގައުމުތަކުގައި އޮންނަނީ މިގޮތަށްބާ
ޓިންޓޮން
23 December 2020
ސިޔާސީ އެކްޓިވިސްޓުން ވަޒީފައި ބައިތިއްބަންވާނީ އެބައެއްގެ ސަރުކާރުގައި އެކަނި. މިހާރުވެސް ރަށްރަށުގައި ހުރި ފެނަކަ އަދި ސްޓެލްކޯގައި ގިނަވާނީ ޕީޕީއެމް އެކްޓިވިސްޓުން. އެމްޑީޕީ ސަރުކާރުގައި ނެތް އެމީހުން ވަޒީފާއިން ވަކިކުރާހާ ހިތްވަރެއް.
ޙައުްް22
23 December 2020
ދެއަހަރު ބެހެއްޓިކަމަށް ޝުކުރު ކޮށްބަލަ. ހިޔެއްނުކުރަން މީނަ އަދިވެސް ވަޒީފާގަ ކަމަށް.
ބްރޭ
23 December 2020
ކޮރަޕްޓް ވެފަ ހުންނާނީ ރަނގަޅަށްބަލާ
އިމްނާ
23 December 2020
ތިޔަވީ ޝަހީދެއްނޫން. އެކަމަކު އަހަރެން ގިންތިކުރަނީ އެދަރަޖައިގަ. ނަހައްގުންދޭ އަދަބު ފަހުން ފޮނިވާނެ. އަދި އެދިން މީހާއަށް ހިތިވާނެ.
އާރީ
23 December 2020
މީނާގެ ބަހުރަވަ ހުރިގޮތް ސޯސަލު މީޑިޔާ ބަލައި ލީމަ ފެންނާނެ. ތިމާ ވަރު މީހެއް ނެތް ކަމަށް ހެދިގެން އުޅެނި. އެމްފީއެލްގަ އެބަ އުޅޭ ފީފީއެމަށް މަރުދިން މީހުން މިހާރުވެސް އެމީހުން ނޫޅެ ބޮލުރޮދި ކެނޑިގެންނެއް. ހަމަ ވަޒީފަ އެތިބީ. ނުވެސް ކަޑާލަ. ސޫދާއަށް ލިބުނު ފުރުސަތު ބޭނުން ނުކުރެވުނީމަ މިހާރު ހިތާމަ ކުރާނެ ކަން ކަށަވަރު. ޔާމީނެއް ވެސް ފީފީއެމެއް ވެސް ދެން މިގައުމްގަ ވެރިކަމެއް ނުކުރާނެ. ވަރަށް ސަލާން
ކިޔުން
23 December 2020
މީ އަންހެނުންނަށްވެސް ހުުތުރުވާގޮތަށް އުޅެފާވާމީހެއް
ކޯލީޝަނު ގެ ބުރުމ
22 December 2020
މި ކަމަނާ އަކީ ޕީޕީ އެމަށް ވަރަށް ވަފާ ތެރި ކުއްޖެއް@ މި ކުއްޖާ ވަޒީފާ އިން ވަކި ކުރީތީވެ ހިތާމަ ކުރަން
ހުސެން
23 December 2020
ގައުމާ ވެރިންނަކަށް ނޫންތޯ ވަފާތެރިވާންޖެހެނީ، ޕީޕީއެމަށް ވަފާތެރިވާކަށް ނޯވޭ ދެއްތޯ :) ސިޔާސީވިޔަސް އެމީހެއްގެ ސަލާމަތް ހޯދައިގެން އުޅެން އެނގެންވާނެ، ލިމިޓްއެނގެންވާނެ އެހެންނުން، ކުރިޔަށް އޮތްތަނުގައި ހަރުދަނާ ރަނގަޅު ކަނަބަލެއްގެ ގޮތުގާ ސުއޫދާ ކުރިއަރައިގެން ދާތަން ފެންނާނެކަމަށް އުންމީދުކުރަން، ބުޅިކެނޑޭނީ ކެޔޮޅުންގެ އަތުންނޭ ބުނާހެން ހަރަކާތްތެރިވާމީހުނަށް މިސްޓޭކުވެސް ހެދޭނީ..!