ކޮވިޑް-19 ކޮންޓްރޯލްކުރަން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކާ އެކު އޯލެވެލް އާއި އޭލެވެލް އިމްތިހާނު ފަސްކުރަން ޖެހުނު ނަމަވެސް، ކުރިން ރާވާފައިވާ ގޮތަށް އެ ދެ އިމްތިހާނު އަންނަ ޖޫން/ ޖުލައިގައި ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކެމްބްރިޖް އާއި އެޑެކްސެލް އިމްތިހާނު އަންނަ ޖޫން/ޖުލައި މަހު ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖޭގައި އޯލެވެލް އިމްތިހާނު ކެމްބްރިޖް އިން ކުރިއަށް ގެންދާ އިރު އޭލެވެލް އިމްތިހާނުތައް ބާއްވަނީ އެޑެކްސެލް އިން އެވެ.
ސްކޫލްތަކަށް މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ އިމްތިހާން ފަސްކުރަން ނިންމީ ސިލަބަސް ފުރިހަމަކުރާށާއި އިމްތިހާނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދަރިވަރުންނަށް ނުލިބޭތީ ކަމަށެވެ. އޯލެވެލްގެ ފުރަތަމަ އިމްތިހާނު އޮންނާނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ އާޓް އެންޑް ޑިޒައިން ޕޭޕަރެކެވެ. އެންމެ ފަހު އިމްތިހާން ކަމަށްވާ ބައޮލޮޖީގެ ޓެސްޓެއް އޮންނާނީ ޖޫން މަހުގެ 11 ގަ އެވެ.
މިދިޔަ އަހަރު އޭލެވެލް އިމްތިހާނު ރާއްޖޭގައި ބޭއްވީ ބިލަބޮންގް ހައި ސްކޫލުން އެކަންޏެވެ. އެ ސްކޫލުގެ 12 ދަރިވަރުން އެ އިމްތިހާނު ފުރިހަމަކުރި އެވެ.