ރައީސް ޔާމީން ފެކްޝަންގެ ޕްރައިމަރީ މި މަހު 25 ގައި، ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލުމުގެ މުއްދަތު އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު އިތުރުކޮށްފި އެވެ.


އެ ފެކްޝަނުން މުއްދަތު އިތުރުކުރިއިރު ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ތާއީދުކުރާ މީހުން އަންނަނީ އަމިއްލަގޮތުން ކައުންސިލަށް ކުރިމަތިލަމުންނެވެ.

ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވައި ނެރުުނު އިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންގެ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުން އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

ކުރިން އޮތީ މިއަދަކީ ޕީޕީއެމްގެ ޓިކެޓަށް އެދުމުގެ އެންމެ ފަހު ދުވަހެވެ.

އެ އިއުލާނުގައި ބުނީ ޕީޕީއެމްގެ ޓިކެޓަށް ހުށަހެޅި މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެ ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ އިއްޔެއާ ހަމައަށް 500 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރިފަހުން 2500 އަށްވުރެ ގިނަ ފޯމް ލިބިފައިވާކަން ވެސް ހަލީލް ފާހަގަަކުރެއްވި އެވެ.