ޚަބަރު / ޓެރަރިޒަމް

ތިމަރަފުށީގައި އޯލެވެލް އިމްތިހާނު ހަދަނިކޮށް ލެބޯޓަރީ ގޮއްވާލަން ހަރުކަށި ފިކުރު މީހުން ރޭވި: ފުލުހުން

ލެބޯޓަރީ ގޮއްވާލަން އުޅުނީ އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް. ރާއްޖޭގެ އެކި ތަންތަނުގައި ހަމަލާތައް ދޭން ރާވައި މިކަމުގެ ތެރެއަށް މީހުން ވައްދަން މަސައްކަތްކުރި.

ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން. (މަތީގައި ވ-ކ) އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން. (ތިރީގައި ވ-ކ) އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް

26 ޖެނުއަރީ 2021 - 11:10

62 comments

މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށް ދައުވާކުރަން ފޮނުވި މީހުންނަކީ؛

އަބްދުﷲ ޝަރީފް، 34، ތ. ތިމަރަފުށި/ފެހިވިދުވަރު

އަހްސަން މުހައްމަދު، 32، ތ. ތިމަރަފުށި/ކެނެރީގެ

އަލީ މުނީޒު، 28، ތ.ތިމަރަފުށި/ކެނެރީގެ

މުހައްމަދު އާސިރު، 34، ތ. ތިމަރަފުށި/އަސުރުމާގެ

އަލީ އަރުހަމް މުހައްމަދު، 18، ރ. ކަނދޮޅުދޫ/ފެހިވިލާ

ޝަމާހް ޝަރީފް، 20، ތ. ތިމަރަފުށި/ސައިމާ

އިބްރާހިމް ލޫތު، 21، ނ.ކުޑަފަރި/ރޯޒްމީޑް

އަބްދުﷲ އިމާދު، 29، ރ. މަޑުއްވަރި/ބީޗް ހައުސް

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

"ނަސާހް-3" ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.

އޮޕަރޭޝަންގައި އަތުލައިގަތް "ނަސާހް 3" ދޯންޏަކީ މި ގްރޫޕްގެ އިސް މީހަކު އޮޕަރޭޓްކުރާ ދޯންޏެއް ކަމަށް ބެލެވޭ ކަމަށާއި އެ ދޯނި އަތުލައިގަތީ އޭގައި އައިއީޑީއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް މި މީހުންގެ މައްޗަށް ތުހުމަތުކުރެ އެވެ.

އަތުލައިގަތް ދޯންޏާ ބެހޭ ގޮތުން ފުލުހުން ބުނީ ދޯނީގައި އައިއީޑީ ހަދަން އުޅޭ ކަމާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައި ވާއިރު ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރުލި ބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން" ކަމަށް ފުލުހުން ބުންޏެވެ. އަދި އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ހަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ގޮވާލައި ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ހިންގުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައިސިސްގެ އަމީރެއް ހުރި، ތައްޔާރުވީ ހަމަލާއަކަށް

ފުލުހުން ބުނި ގޮތުގައި އައިސިސްގެ ތަރުޖަމާނު ދިން ޚިތާބަށް ފަހު، ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ އެވެ.

"މިގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިމައްސަލާގައި ތިމަރަފުށިން 16 ގެއެއް ބަލައި ފާސްކޮށް، "ނަސާހް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ.ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވެ އެވެ.

ތިމަރަފުށިން ފާސްކުރި ގެއަކުން އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާއި ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހަކު އައިސިސް އަށް ތާއީދުކޮށް އެޖަމާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ފައިސާގެ އެހީތެރިކަން ދޭން ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ ހަރަކާތްތައް ހިންގައި އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާފައިވެ އެވެ. އަދި ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ރޭވުމާ ބެހޭ ގޮތުން ފުލުހުން ބުނީ ތުހުމަތުކުރެވޭ ބައެއް މީހުންގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި، އެ މީހުން މަސައްކަތްކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ކަމަށެވެ. މި މީހުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ކަނޑައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ހަރަކާތް ހިންގުމަށް ކަނޑައަޅާފައިވާ ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރު ފެތުރުމުގެ ބޮޑު ހަރަކާތެއް

ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް މީހުން ލެނބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށް ވިޔަސް އޭގެ ފަހުން، މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކާ، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"...އަދި މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލުކުރަން ނުޖެހޭކަމަށް ބުނެ އެ ފިކުރު ގަބޫލުކުރާ ފަރާތްތައް އެއީ އަޚުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެފަރާތްތަކާއި ދުރުވާން ބާރު އަޅާ" ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

މިގޮތަށް ހައްލާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ އެއްޗެހި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތްކުރާ ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެ ފަރާތްތަކަށް ބާރުއަޅާކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކި، އަޚުންގެ ގޮތުގައި ދައްކަދީފައިވާ ފަރާތްތަކަކީ ރަށުގެ އާންމުންނަށް މުހިއްމު ބައެއްކަމަށް ދެކެން ފެށި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ބުނި ގޮތުގައި އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.

62 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 16%
icon angry icon angry 71%
icon wow icon wow 2%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާލުޕަރީ

27 January 2021

ހާދަވަރުގަދަ އިންޓެލް އެކޭދޯ.ހެހެހެ.ކެކެކެ.ތީ ތާކުންތާކުނުޖެހޭ ބައެއް.

The name is already taken The name is available. Register?

ވިސްނާ ފިކުރުކުރޭ

27 January 2021

2020 ވަނަ އަހަރު އޯލެވެލް އެއް ނެތް. ހަހަހަހަ މޮޔަވެދާނެ.

The name is already taken The name is available. Register?

ބީޓާ

27 January 2021

އިމްތިހާނު ބާއްވާނެ ކަމަށް ހީކޮށް ގޮއްވާލަން ރޭވިދާނެ. ކަލޭމެން ތިބީ މި ގައުމުގަ ޓެރަރިސްޓުން ނޫޅޭ ކަމަށް ގަބޫލުކޮށްގެން ތިބި މީހުން. އެހެންވެ ތަނެއް ގޮއްވާލިޔަސް ގަބޫލެއް ނުކުރާނެ

The name is already taken The name is available. Register?

ށަވިޔަނި

27 January 2021

އިސްލާމް ދީނޭކިޔައިގެން މި މީހުން ބޮލަށް ވަންނަނީ ބޯކާލަން ކުޅަދާނަ ބައެއް. މުސްލިމަކަށްވަނީ ފަސްކަމަކުން. ޝަހާދަތުގެ ދެ ކަލިމަ. ނަމާދު ރޯދަ ޒަކާތް ހައްޖު. މިއިން ރެއާދުވާލު ކުރަންޖެހެނީ އެންމެކަމެއް. ދެން އޮތީ އަހަރަކު އެއްފަހަރު ކުރަންޖެހޭކަމެއް. ދެން އޮތް ދެކަމަކީ އެދެކަމަށް ކުޅަދާނަ ބަޔަކަށް އޮތް ދެކަން. ދެން އިސްލާމޭ ކިޔައިގެން މިކިޔަނީ ކީކޭ.

The name is already taken The name is available. Register?

އަލީއީ

27 January 2021

ތިމަރަފުށީ އެއާޕޯޓް ބަންދުކުރޭ.

The name is already taken The name is available. Register?

ނަޝީދު.

26 January 2021

މަރުގެ ހުކުމް އިއްވަން ކެރޭނެތަ؟

The name is already taken The name is available. Register?

1828

26 January 2021

މިހެން ބުނެ ނިންމަނުލާ. ކޯޓްގައި ސާބިތުކޮށްދީގެން މިއީ ހަމަ ހަޤީޤަތުގައިވެސް ބަޔަކު ކުރަން އުޅުނު ކަމެއްކަން ރައްޔިތުންނަށް ޔަޤީންކޮށްދީ.

The name is already taken The name is available. Register?

އިންވެސްޓިގޭޓަރ

26 January 2021

ހަރުކަށްޓާއި ލާދީނީ ފިކުރަކީ މުޖުތަމައު ފިތުނަކޮށް، ބައިބައިކުރުވާ ނުރައްކާތެރި ދެ ފިކުރު. މި އެންމެނާ ދޭތެރޭވެސް ފަސްނުޖެހި ފިޔަވަޅު އަޅަންޖެހޭ. މި ކޭހުގައި އުފެދޭ ވަރަށްބޮޑު ސުވާލެއް އެބައޮތް. ކެމިކަލް ގުދަން ފަޅާލީވެސް މި މީހުންކަމަށް ޝައްކު ކުރާއިރު އެ ފުރުސަތުގައި ތަނުގައި ރޯކޮށްގެންވެސް އެމީހުނަށް "ހަމަލާއެއް" ދެވެން އޮންނާނެތާ؟! ދެން ކީއްވެ އައި.އީ.ޑީ އެއް ވަކިން ހަދައިގެން ގެއްލުންދޭން އުޅެންވީ؟

The name is already taken The name is available. Register?

އަރުތަ

26 January 2021

އިންވެސްޓިގޭޓަރޫ، ކެމިކަލް ގުދަނުގަ ރޯކޮށްގެން ހަމަލާދިނީމަ ދެން އެހެން ތަންތަނުގަ ހަމަލާދޭނެ ކެމިކަލް ހޯދާނީ ކޮންތާކުންތޯ، އެހެންވީމަ އެއްބޮނޑިން އެކަން ނިންމާނުލާ އެކިއެކި ތަންތަނަށް ހަމަލާދެވޭނީ އެހުރިތާކުން ނަގައިގެންތާ..........

The name is already taken The name is available. Register?

ސިޔާސީވެރިން ފެއިލް

26 January 2021

އަޅެ މިގައުމުގަ އިސްލާމްދީން ތަންކޮޅެއް ރަގަޅަށް ކިޔަވާ ދެއްވަން ވެއްޖެ ނޫންތޯ؟ ކަމެއްވީމަކާ ނޫން ދޯ ފިޔަވަޅު އަޅަންވީކީއެއް. ބަޔަކު ވާނުވާގަ ތިބެގެން ކުފުރުވެވި އެހެން ބަޔެއް މަރަން އުޅޭއިރު މިކަހަލަ އަމަލެއް ދެންކޮށްފާނެ ބަޔަކަށް އިބްރަތަކަށް ވާވަރުގެ އަދަބެއް މިގައުމުގެ ވެރިންނަށް ނުދެވެނީ ކީއްވެތޯ. ސިޔާސީ މީހުންވެސް މި ގައުމުގަ ހަމައެކަނި މަސައްކަތްކުރަންޖެހެނީ ވެރިކަން ލިބޭތޯތަ؟

The name is already taken The name is available. Register?

1234

26 January 2021

ހެކި ހުރެ، ފާޅުގަ ރާއްޖޭން އިސްލާމް ދީން ފުހެލަން އުޅޭ ބަޔަކުވެސް އެބަތި ފުލުންނަށް ހައްޔަރުކުރަން ނުކެރިފަ ދޫކޮއްލާފަ.. އެކަންވެސް ކޮއްލަދީ މިފަހަރު!

The name is already taken The name is available. Register?

ހުސްމޮޔައިން

26 January 2021

މީދެން ހަމަ ވާނުވާ ނޭނގޭ ބައެއް . ދިން ދަންނަނަމް ތިވައްތަރަށް ނުތެޅޭނެ.މި ދެން ކިހާ ދެރަކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454