ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާލެ އާއި ހުޅުމާލެ، ވިލިމާލެ، ތިލަފުއްޓާއި ގުޅީފަޅު އަދި ހުޅުލޭގައި މިހިނދުން މިހިނދަށް ވަކި ގޮތެއް އަންގަންދެން އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

އެއްގަމު އުޅަނދުފަހަރު މަނާކުރި ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލެންސް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް އަދި އިމަޖެންސީ ސިއްހީ ޚިދުމަތް ހޯދަން ޖެހޭ ފަރާތްތައް ވަނީ އިސްތިސްނާކޮށްފަ އެވެ.

މި ފިޔަވަޅުތައް ތަންފީޒް ކުރުމުގައި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނީ ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެން މުވައްސަސާތަކުން ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ނަގައި ހާލަތު ގޯސްވަމުންދާތީ، މި މަހު 3 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ފަހަރު ދުއްވުން ފުރަތަމަ މަނާކުރީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ދެ ހަފުތާގެ މުއްދަތަށެވެ. އޭގެ އިތުރުން މިހާރު ވެސް ވަނީ ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. ހުރިހާ ރަށެއްގައި ވެސް މާސްކް އަޅައިގެން އުޅުން ވަނީ މަޖްބޫރުކޮށްފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިހާރު ރާއްޖޭގައި އުޅެނީ ކޮންމެ ދުވަހަކު ވެސް 100 އިން މަތީގަ އެވެ. ކޮވިޑް ކޭސްތައް ގިނަވެ، ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރިފައިވާތީ ފަރުކޮޅުފުށީގައި މީހުން ބޭތިއްބޭނެ އިންތިޒާމު އަންނަނީ ހަމަޖައްސަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 17,387 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 56 މީހުން މަރުވެފަ އެވެ. އެކްޓިވް ކޭސްގެ އަދަދު 2,250 އަށް އަރާފައިވާ އިރު ހޮސްޕިޓަލްތަކުގައި ދަނީ 211 މީހަކަށް ފަރުވާ ދެމުންނެވެ.