އެމެރިކާގެ ސްކޫލެއްގެ ބޯޑު މެމްބަރުންތަކެއް ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ބެލެވެރިންނަށް ނިސްބަތްކޮށް އެއްޗެހި ކީ މައްސަލަ ހޫނުވެ، އާންމުންގެ ޕްރެޝަރާ ހެދި ސްކޫލްގެ މުޅި ބޯޑު އިސްތިއުފާ ދީފި އެވެ.
މީޑިއާތަކުން ބުނީ މި މައްސަލަ މިދިޔަ ހަފުތާގައި ކުރިމަތިވީ ކެލިފޯނިއާގައި ހިންގާ އޯކްލީ ޔުނިއަން އިލެމެންޓްރީީ ސްކޫލް ޑިސްޓްރިކްޓްގައި ކަމަށެވެ. ސްކޫލް ބޯޑު މެމްބަރުން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ބެލިވެރިންނަށް އެއްޗެހި ކީ އިރު، ބޯޑްގެ ވެބެކްސް ވީޑިއޯ ކޯލް އިނީ އާންމުކޮށް ފެންނަ ގޮތަކަށެވެ. އެކަމަކު އެކަމެއް މެމްބަރުންނަކަށް ނޭނގެ އެވެ.
އެ ބައްދަލުމުގައި ބޯޑުގެ ރައީސާ ލީޒާ ބްރައިޒެންޑައިން ވިދާޅުވަނީ ކޮވިޑް-19 ގެ މި ހާލަތުގައި ސްކޫލްތައް ބަންދުކުރަން ނިންމި ނަމަވެސް އެކަމާ ބެލެނިވެރިން ދެކޮޅު ހަދަނީ "ދަރިން އެހެން ބައެއްގެ ބޮލަށް ޖަހަން" ކަމަށާއި އެ މީހުން އުޅެނީ މެރުއާނާއާ ހެދި ކަމަށެވެ.
މެމްބަރުންގެ މެދުގައި ދެކެވުނު ވާހަކަތަކުގައި ދަރިވަރުންނާއި ބެލެނިވެރިންނާ ގުޅުވައިގެން ދެއްކި ވާހަކަތަކުގެ ތެރޭގައި ހުތުރު ބަސްތައް ވެސް ބޭނުންކޮށްފައިވެ އެވެ. އަށް މިނެޓްގެ އެއް މީޓިންގައި ދެކެވުނު ވާހަކަތައް ބައެއް މީހުން ޓްވިޓާގައި މޮނޮލޮގެއް ގޮތަށް ވެސް ލިޔެފައިވެ އެވެ.
މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ވެސް އާމްމުވެފައިވާ ވެބެކްސް ކޯލްގެ މައްސަލާގައި އާންމުން ރުޅިގަދަވެގެން ބޯޑްގެ ހުރިހާ މެމްބަރުން އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާ ދޭން ޕެޓިޝަނެއްގައި ގޮވާލުމުން އެންމެން އިސްތިއުފާ ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި މައްސަލާގައި ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިން ދެން އޯކްލީ ޔުނިއަން އިލެމެންޓްރީީ ސްކޫލް ޑިސްޓްރިކްޓަށް ފޮނުވުމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާނެ ކަމަށެވެ. އަދި ބޯޑު މެމްބަރުންގެ ފަރާތުން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ މީހުން ދަރިވަރުންނާއި ބެލެނިވެރިންނާ ދޭތެރޭ ދެކޭ ނުބައި ގޮތް ކޯލްގެ ސަބަބުން ސާފުވެއްޖެ ކަމަށެވެ.
މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ބަލިމަޑުކަމާ ހެދި ޒޫމް އާއި ވެބެކްސް ފަދަ ޓެކްނޮލޮޖީގެ މިފަދަ ވަސީލަތްތައް އާންމުވެ މީގެ ކުރިން ވެސް މިފަދަ އެތައް ކަމެއް އެކި ގައުމުތުގައި ހިނގާފައިވެ އެވެ.