ފުލުހުން ބުނީ މިހާތަނަށް 28 މީހަކު މުޒާހަރާ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް.
މުޒާހަރާ ހުއްޓުވަން ފުލުހުން ޕީޕީއެމް އޮފީސް ބަންދު ކޮށްލައިގެން-- ފޮޓޯ: މިހާރު
26 ފެބުރުއަރީ 2021 - 18:01
ޕީޕީއެމް/ޕީއެންސީން މިއަދަށް ރޭވި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބަޔަކު މުޒާހަރާގެ ތެރެއިން ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕީޕީއެމްގެ އޮފީސް ބަންދުވާ ގޮތަށް ފުލުހުންގެ ސަފުތައް އަތުރައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާކުރަން ނިންމާފައި ވަނިކޮށް ހޯމް މިނިސްޓްރީ އާއި ފުލުހުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މުޒާހަރާކުރާ ނަމަ އެ އެއްވުން ހުއްޓުވާނެ ކަމަށް ބުނެ ކުރިން އިންޒާރު ދީފަ އެވެ. އެ އިންޒާރަށް ފަހު ގިނަ އަދަދެއްގެ ފުލުހުން ރަޔަޓު ގިޔަރުގައި ޕީޕީއެމް އޮފީސް ކައިރީ އާއި އެ ސަރަހައްދުގެ ގޯޅިތަކާއި މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުމަތީގައި މަޑުކޮށްގެން ތިބި އެންމެން ދުރަށް ޖައްސައި އެ ސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.
މުޒާހަރާ ބޭއްވިޔަ ނުދިނުމަށް ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން އެ ޕާޓީ އޮފީސް ކައިރިން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ގުރައިދޫ ދާއިރާގެ ގައްސާން މައުމޫން ވެސް ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މަޖީދީމަގުގައި ހުންނަވަނިކޮށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުހުން ބުނީ މުޒާހަރާ ތެރެއިން 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިދިކޮޅު މުޒާހަރާ ހުއްޓުވަން ފުލުހުން މަގު ބަންދުކޮށްގެން.
ސަރުކާރާއި ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަށް ޕީޕީއެމް އޮފީހުން ގޮވާލަމުން ދިޔައިރު އެ ޕާޓީގެ ގިނަ މެންބަރުން، "މަގޭ ފްލެޓް ކޮބައިހޭ" ޖަހާފައިވާ ޓީޝާޓު ލައިގެން، ގައުމީ ދިދަ ހިފައިގެން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށި އެވެ. އެއާއެކު ގިނަ އަދަދެއްގެ ފުލުހުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް ގޮސް އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތަަށް ސަފެއް ހަދައި އެ އޮފީސް "ބަންދު" ކޮށްލި އެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫންނާ އެކު ޕީޕީއެމް ސަޕޯޓަރުންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި.
މިއީ މި ސަރުކާރު އައި ފަހުން މިހާ ހަރުކަށި ގޮތަކަށް ފުލުހުން އެއްވުން ހުއްޓުވަން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުން ބެރިކޭޑް ޖަހައި މާލެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުން ދިޔަ ނުދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތަކުން ނެއްޓިގެން ގިނަ އަދަދެއްގެ މީހުން ވަނީ މަޖީދީމަގާއި އެހެން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފަ އެވެ.
މިއަދުގެ މުޒާހަރާ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.
އެ މުޒާހަރާގެ ތެރެއިން ވެސް ޕީޕީއެމް/ޕީއެންސީގެ އިސް އެތައް ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުން ގެންދިޔަ ހަރުކަށި ގޮތުން އަނިޔާވެފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.
ކޮވިޑްގެ ހާލަތު ދުވަހަކު ވެސް ނުވާ ވަރަށް ގޯސްވެފައި ވަނިކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާ ކުރާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އިދިކޮޅު ޕާޓީތަކަށް އިންޒާރު ދީފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި ދުވަސްވަރު މުޒާހަރާކުރާތީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އިދިކޮޅުން ބުނަނީ މުޒާހަރާތައް ހުއްޓުވަނީ ސަރުކާރުގެ ނާގާބިލްކަން ހާމަވާތީ، އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
27 February 2021
"ގޭގައި އޮތްނަމަ ހައްޔަރެއް ނުކުރާނެ"
ރަދީފްއޮފިޝިއަލް
27 February 2021
މިއަންމާ ، އަރުމީނިޔާ އަދި ބެލަރުސްގެ މަގުތައް މަތިންވެސް މިވަގުތު ފެންނަނީ ފުލުހުން / ސިފައިން މިގޮތަށް އަމަލު ބަހައްޓާތަން.ތަފާތަކީ ގައުމުތަކުގަ އަޑުއުފުލަން މެދުވެރިކުރުވި ހާލަތު.މިއަށް ވެސް ބައެއް މީހުންކިޔާނީ ޑިމޮކްރަސީއޭ.ތަނަކަށް ނިކަމެތި 6 ވަރަކަށް އަންހެނުން އެއްވީމަ ސަރުކާރު ވަރަށް ބިރުގަންނާނެ.ނަމަވެސް ފޭރޭމީހުން މަސްތުވާތަކެތި ބޭނުންކުރާމީހުންގެ ބިރުވެރިކަން 6 އަންހެނުންނަށްވުރެ އަހަންނަށް ބިރު ބޮޑު.ވ.ވ.ވެދުން
އަހުމަދު.
27 February 2021
ކޮވިޑްގެ ހާލަތު ދުވަހަކު ވެސް ނުވާ ވަރަށް ގޯސްވެފައި ވަނިކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާ ކުރާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އިދިކޮޅު ޕާޓީތަކަށް އިންޒާރު ދީފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި ދުވަސްވަރު މުޒާހަރާކުރާތީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އެކަމަކު މާދަން ދޫކޮށްލާނެ. ގާނޫނާއި ގަވާއިދާއި ޚިލާފަށް ކުރީމަ ކޮންމެ ބަޔަކު ނަމަވެސް ކުށްވެރިވާން ޖެހޭނެ.
1828
27 February 2021
ގައިޑް ލައިންއަކީ ޤާނޫނެއް އަދި ޤަވައިދެއްވެސް ނޫންނެވެ
ޑިމޮކްރެސީ އުތުރެނީ
26 February 2021
ނިކަން ތިހިރަ ފޮޓޯތައް ޔޫރަޕަށް ފޮނުވާލަބަލަ. މިގައުމުގެ ޑިމޮކްރަސީއާދޭތެރޭ އެމީހުންކިޔަނީ ކީކޯތޯ ބަލާލަން. ކޮބާ މިގައުމާއި ދުނިޔޭގެ ހިއުމަންރައިޓްސް މުވައްސަސާތައް. ބަޔަކުމީހުން ތަނެއްގެތެރޭގައި އެގޮތަށް ބަންދުކުރެވޭތަ؟ މަޖީދީމަގުން ހިނގާފައި ދިޔަމީހުންނާ ގޭދޮރުމަތީ ތިބިމީހުންވެސް ހައްޔަރަށް.
އަލީ-2
26 February 2021
ހުރިހާއެންމެން ކޮވިޑް ޓެސްޓު ހަދާތި
މިވަރެއްނެތް
26 February 2021
ފުލުހުން މިފެންނަނީ އެއިރެއްގައި ވެރިކަންކުރާ ޕާޓީއާއި ސަރުކާރެއްގެ ޕަޕެޓުންގެ ގޮތުގައި އުޅޭތަން. އަދީބުގެ އާރާއިބާރުގައި ކުރެވުނު ކަމެއްނެތް! ވަކިކުރީ އެތަހުގީގުތައް ފެށުނީ! ޔާމީނުވެސް ހަމަ އެފަދަ. އަލީވަހީދުވެސް މަގާމުގަ ހުރިއިރު ހަމަ ހުދުކާފޫރު ފަދަ. ވަކިކުރީ އެ ތަހުގީގު ފެށުނީ! ރީތި ޔުނިފޯމުތަކާއި، ކަރަންޓު މުގުރާއި، ޕެޕަރސްޕްރޭއާއި ފްލެޓުތައްވެސް އަޅާދެވިއްޖެ. ބިޔަ ގާނޫނުވެސް ހަދާދެވިއްޖެ. އެކަމަކު ރައްޔިތުންނަށްވާ ފައިދާއެއްނެތްދޯ؟
އަނދުން ޝަހިމެޓިކްސް
26 February 2021
ހައެއްކަ މީހުން ތެރޭން 28 މީހުން ހައްޔަރު!
ވިސްނާލުމަށް އެދެމޭ
26 February 2021
އެއްބަޔަކު އަތްދޮވެގެން ގޭގަތިބެން އަމުރުކުރަނީ ކޮވިޑް ހުއްޓުވަންށޯ އަނެއްބަޔަކު ޕާޓީތަކާ މަސްދަތުރުދަނީ.އެއްމަގެއްގަހުރި ދެޕާޓީގެ ސިޔާސީ ދެޖަގަހަ..މަގުގެ އެއްކޮޅުގަ ހުއްޓިހުރުން މަނާވެ މަގުގެ އަނެއްކޮޅު ހުއްދަ.ކޮވިޑް ވައިރަސް ދަތުރުކުރަނީ ޕޕމގެ އޮފީސްކުރިމައްޗަށް. މޑޕގެހަރުގެ ހުންނަތަން ކޮވިޑް ފްރީ. ގާނޫނުގެ ކޮންމާއްދާއެއްގެ ހަވާލާގަތަ ޕޕމގެ އޮފީސްކުރިމަތީގަ ހުއްޓިނުތިބެވެނީ. ގާނޫނު ނަމްބަރު ކިތަކަކުންތަ މަނާވަނީ ޕޕމގެ އޮފީހަށް ވަދެނުކުތުމަކީމަނ
ހަނުހުންނަ މީހާ1
26 February 2021
ސިޔާސީގޮތުން ސަޕޯޓްހޯދުމަށް ގައުމު ހަލާކުގެ ތެރެއަށް ފޮރޮޅާނުލާ. މިއަދު ތިފާޑަށް އުޅުނީމަ އިދިކޮޅުގަ ތިބިމީހުންގެ އަގު ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީ ގެއްލޭލެ އަދި ގައުމަށް ހެޔޮއެދޭ ޕީޕީއެމްގެ މީހުންގެ ކުރިމަތީގަވެސް. ނުހައްގުން ފުލެޓްދޭނަމަ އަޑުއުފުލަންވާނެ އެކަމަކު މިވަގުތު އެކަންކުރާނީ މަގުމައްޗަށް ނުކުމެގެނެއްނޫން.
1828
26 February 2021
ދެން ކޮންތާކަށް ނިކުމެގެން ތޯ އަޑު އުފުއްލަނީ؟
ގޯތިއާދަނު
26 February 2021
މުޒާހަރާ ތަކުގެ ސަބަބުން ރޯގާގެ ބަލި މަޑުކަން ނުރައްކާ ދަރަޖައަކަށް ފެތުރި މީހުން މަރުވަމުން ދާއިރު މިފަދަ އަމަލު ހިންގާ ފަރާތްތައް ޖަލުގައި ބަނދުކުރަންޖެހޭ
1828
26 February 2021
އިދިކޮޅު މީހުން ޖަލުގައި ބަންދުކުރުމުން ކޮވިޑް19 ނުފެތުރޭނެކަމަށް ވަނީނަމަ އަވަހަށް ހުރިހަ އިދިކޮޅުމީހުން ބަންދުކުރަން ގޮވާލަން. އިދިކޮޅުމީހުންވެސް ހިތުންރުހުމުން ޖަލަށްދާނެ. ކޮވިޑް19 ފެތުރެނީ ސަރުކާރުގެ ދިއުޅިއެއްނުވާ ދޯދިޔާ ސިޔާސަތުގެ ސަބަބުން. އެޗް.ޕީ.އޭގެ ދޯދިޔާ ގައިޑްލައިންގެ ސަބަބުން. އާދައިގެރައްޔިތު މީހާ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނަށް. މިނިސްޓަރު ނުޖެހޭ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންވާކަށް. މިނިސްޓަރުންނަށް މިބަލި ނުޖެހެނީ ތޯ؟