ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި މިއަދު ބާއްވަން އުޅުނު ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައި އޮތް ކަމަށް ބުނެ ފުލުހުން އެންމެ ފަހު ވަގުތު ކުރި ތުހުމަތުތައް އެ ކޯލިޝަނުން ދޮގުކޮށް، ފުލުހުންގެ އެ އަމަލު މިރޭ ކުށްވެރި ކޮށްފި އެވެ.
ފުލުހުންގެ ބަޔާނަށް ރައްދު ދީ، އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ވެހިކަލް ބުރު ބާއްވަން އުޅުނީ ލިޔުމުން ހުއްދަ ހޯދައިގެން ކަމަށާއި ފުލުހުންނާ މަޝްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ހުއްދަ ދިނުމަށް ފަހު، އެންމެ ފަހު ވަގުތު ވެހިކަލް ބުރު ހުއްޓުވީ ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށް އިދިކޮޅުގެ ބަޔާނުގައި ތުހުމަތުކުރި އެވެ.
"...އިންޑިއާގެ މުށުތެރޭގައި ފިތިފައި ހުރި، ސަރުކާރު ހިންގާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓަކާ އެކު، އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ޣައިރު ގާނޫނީ އަމުރެއް ތަންފީޒު ކުރުމަށްޓަކައި ފުލުހުން ހިންގަމުން ގެންދާ ނާތަހުޒީބު އަމަލު ކުށްވެރި ކުރަމެވެ. ހަމަ އެއާއެކު ފުލުހުންގެ މުއައްސަސާ އިން، މި ޕާޓީގެ ފަރާތުން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ، ދޮގު ތުހުމަތުތަކެއް ކޮށް ބަޔާން ނެރެފައި ވާތީ އެކަން ވެސް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ، "ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ކަމެއް ނޫން" ކަމަށެވެ.
"އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ ޓުވީޓުގައި ވެ އެވެ.
މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވީ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ބަޔާނެއް ނެރުމަށް ފަހުގަ އެވެ.
"އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއް ކަމުގައިވީ ހިނދު އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ސައިކަލް ބުރު ފަށަން ވަރަށް ގާތް ވެފައި ވަނިކޮށް ފުލުހުން ކުއްލި ގޮތަކަށް ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާން ނެރުމަށް ފަހު، ފުލުހުންގެ ފައުޖެއް ނުކުމެ، ޕީޕީއެމްގެ އޮފީސް ކުރިމަތިން ފަށަން ތައްޔާރުވެފައި އޮތް ސައިކަލް ބުރަށް ހުރަސް އެޅުމަށް މަގު ބަންދުކޮށް، އެ ހަރަކާތް ހުއްޓުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި މާލޭގައި ސައިކަލް ބުރެއް ބާއްވަން އުޅުނުއިރު، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ވަނީ އެ ހަރަކާތް ފުޅާކުރުމުގެ ކެމްޕެއިނެެއްގައި ކ. އަތޮޅު ތުލުސްދު އަށް މިއަދު ހަވީރު ވަޑައިގެންފަ އެވެ.
އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ސައިކަލު ބުރު ހުއްޓުވީ ފުލުހުންނާއި ސަރުކާރުން ބިރުން ކަަމަށާއި އެ ހަރަކާތުގައި ހަމަނުޖެހުން އުފަައްދަފާނެތީ ކަމަށް ބުނާއިރު، ހަމަނުޖެހުން އުފައްދަނީ ކޮން ބައެއްކަން ފުލުހުންނަށް ވިސްނޭބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕެއިންގައި ޔާމީން އިއްޔެ ވަނީ ކ ގުރައިދު އަށް ވެސް ވަޑައިގެން އިންޑިއާއާ ދެކޮޅަށް ވަރަށް ފާޅުގައި ވާހަކަފުޅު ދައްކަވައިފަ އެވެ.