ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން މާލޭގެ އިތުރުން އެހެން ރަށްރަށަށް ފުޅާކުރަން ކުރައްވާ ދަތުރުފުޅުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިއަދު ކ. ތުލުސްދު އަށް ވަޑައިގެންފި އެވެ.

ޕީޕީއެމްގެ ރައީސް ޔާމީން މިއަދު ހަވީރު އެ ރަށަށް ވަޑައިގެން، ޕީޕީއެމްޕީ/އެންސީން ބޭއްވި މުޒާހަރާއެއްގައި ބައވެރިވެވަޑައިގެން ވިދާޅުވީ، އިންޑިއާގެ ސިފައިން ޖެހޭނީ ރާއްޖެ އިން ބޭރުވާން ކަމަށާއި އެއީ މުޅި މި ސަަރަހައްދަށް "ނުތަކައިގެން" އުޅޭ ގައުމެއް ކަމަށެވެ. ރާއްޖެ އާއި އިންޑިއާއަކީ އެއް ވިސްނުމެއްގައި ތިބި ދެ ގައުމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތަކުން ބޭރު މީހުންނަށް ޖާގަ ދޭން ބޭނުންވާ ބައެއް ނޫން. އެހެން ނަމަވެސް މި ސަރަހައްދަށް ނުތަކައިގެން އުޅޭ ބަޔަކީ އިންޑިއާ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާ [ސިފައިން] ރާއްޖެ އަށް އައިސް އުޅެނީ މި ސަރަހައްދަށް ނުފޫޒު ފޯރުވަން އެ ގައުުމުން ކުރާ މަސައްކަތުގަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެެއްގޮތަކަށް ވެސް ދިވެހިން ހިތްހަމަ ނުޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"...އަދި ކީއްތޯ، އަޅުގަނޑުމެންނަށް ބިރުވެރިކަމާއި ނާމާންކަމުގެ ޑަނޑޫރާތައް ޖަހާ އަޑު މި އިވެނީ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ތުލުސްދޫގައި އޮތް އެއްވުމުގައި ބައިވެރިވަޑައިގެންނެވި އިރު، އިންޑިއާގެ ސިފައިންނާ ދެކޮޅަށް މާލޭގައި އިދިކޮޅުން ބާއްވަން އުޅުނު ސައިކަލު ބުރު ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެންވެ، ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އެ ސައިކަލު ބުރު ހުއްޓުވީ ފުލުހުންނާއި ސަރުކާރުން ބިރުން ކަަމަށާއި އެ ހަރަކާތުގައި ހަމަނުޖެހުން އުފަައްދަފާނެތީ ކަމަށް ބުނާއިރު، ހަމަނުޖެހުން އުފައްދަނީ ކޮން ބައެއްކަން ފުލުހުންނަށް ވިސްނޭބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތުގައި ޔާމީން އިއްޔެ ކ. ގުރައިދު އަށް ވަޑައިގެންނެވި އެވެ. ޔާމީން، ތުލުސްދޫގައި މިއަދު ވިދާޅުވީ އެ ރަށާއި ގުރައިދު އާއި މާފުށީގައި ވެސް އޮތީ އެއް ރޫހެއް ކަމަށާއި "އިންޑިއާ އައުޓް" ކެމްޕެއިން މުޅި ރާއްޖެ އަށް ފަތުރަން ޖެހޭ ކަމަށެވެ.