ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލުމަށް ހެދި ކްރައިޓީރިއާތަކަށް އާއްމުންގެ ހިޔާލު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުމެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހަތަރު ބޭންޑެއް ކަނޑައަޅާނެ އެވެ.
އެއީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އާއި މިޑްލް އިންކަމްގެ އިތުރުން ހައި އިންކަމްގެ ކެޓަގަރީގެ މަޝްރޫއުތައް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމުން ގިނަ ބަޔަކު މަހްރޫމްވެފައި ތިބުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. ބޯހިޔާވަހިކަމަށް ހުޅުވާލާނެ ކްރައިޓީރިއާތަކާ ގުޅޭ މަޝްވަރާތައްކޮށް ވަރަށް އަވަހަށް ހިޔާލަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
އެ ކްރައިޓީރިއާތަކަށް އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މާލޭ ސިޓީ ކައުންސިލަށް ފޮނުވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއަށް ކްރައިޓީރިއާތައް ކަނޑައެޅި ގޮތުން ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުން ފަދަ ކެޓަގަރީތައް ކަނޑައެޅީ ރަނގަޅު ނިޔަތެއްގައި ކަމަށް ވެސް ވެދާނެ ކަމަށާއި އެކަމަކު އެގޮތަށް ހެދުމުން ޝަކުވާ ބޮޑުކަން ފެންނަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާނީ އެ މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް ކަމަށެވެ.
"އުއްމީދަކީ މި މަހުގެ ނިޔަލަށް ކްރައިޓީރިއާތައް ކަނޑައަޅައި ހައުސިން ޔުނިޓްތައް ފެށުމާ އެކު [އެތަންތަން] ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ފަށާފައިވާ ބައެއް ހައުސިން ޔުނިޓްތައް އަންނަ އަހަރު ނިމެންވާއިރަށް ހަވާލުކުރެވޭނެ އެވެ. މި ސަރުކާރުން ރާވާފައިވާ ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.